ބޮޑެތި ޒަހަމަތަކަކާއި އެކު ރަކީދޫގައި މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލަ ލަސްވަނީ ހަމައެކަނި ޕްރޮސެކިއުޓަރު ޖެނެެރަލް އޮފީހުގެ އިހުމާލުން ނޫންކަމަށް ޕީޖީ އާއިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރްސީއެމް) އިން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސާ އައިމިނަތު އީނާސް ވިދާޅުވެފައި ވަނީ އެ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓާ ގުޅޭ ގޮތުން ޕީޖީ އޮފީހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ.

އީނާސް ވިދާޅުވީ، އިބްތިހާލްގެ މައްސަލަ ތަހުގީގުކޮށް ވަރަށް ގިނަ ފަރާތްތަކަށް ރިޕޯޓު ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕީޖީ އޮފީސް ވެސް ހިމެނޭ ކަމަށް އީނާސް ވިދާޅުވި އެވެ. ނަމަވެސް ރިޕޯޓު ފުރިހަމަ ނޫންކަމަށް ބުނެ އަލުން ފޮނުވާލާފައިވާ ކަމަށް އީނާސް ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާއްމު ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސް ތެރެއިން--- ސަން ފޮޓޯ/ ފަޒްލީނާ ހުސައިން

ޕީޖީ އޮފީހުގެ މިދިއަ އަހަރުގެ އަހަރީ ރިޕޯޓު އާންމު ކުރުމަށް މިދިއަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބިޝާމް ވިދާޅުވީ އިބްތިހާލުގެ މައްސަލައިގެ ތަހުގީގު އެޗުއާރުސީއެމުން ކުރިއަށް ގެންގޮސްފައިވަނީ ޕީޖީގެ އެއްވެސް ބައިވެރިވުމަކާއި ލަފައަކާއި އެކު ނޫންކަމަށެވެ. އަދި އެކޮމިޝަނުން ކުރައްވާފައި އޮތް ތަހުގީގަކީ ޖިނާއީ ދައުވާއެއް ކުރެވޭވަރުގެ ތަހުގީގެއް ނޫންކަމަށް ބިސާމް ވިދާޅުވި އެވެ.

"ދޭއް އޮގަސްޓުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިޕޯޓު މިއޮފީހަށް ފޮނުވާފައި އޮތް، އެ ރިޕޯޓުގެ ހުށަހެޅުންތަކުގެ ތެރޭގައި މިމައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދިފަވޭ. ރިޕޯޓު މިއޮފީހުން ދިރާސާ ކުރިއިރު އެޗްއާރުސީއެމްގެ ތަހުގީގަކީ ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ކުރައްވާފައި އޮތް ތަހުގީގެއް ނޫން" ބިސާމް ވިދާޅުވި އެވެ.

އާއިޝަތު ބިސާމް ---- ފޮޓޯ: ރައީސް އޮފީސް

ޕީޖީ ބިސާމް ވިދާޅުވީ އިބްތިހާލުގެ މަރުގެ މައްސަލާގައި ފިޔަވަޅުއެޅުން ވަރަށް ބޮޑަށްވެސް ލަސްފެވައިވާކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. ނަމަވެސް ފިޔަވަޅުއެޅުން ލަސްވީ " ހަމައެކަނި މި އޮފީހުގެ ސަބަބުން ކަމަށް ވިދާޅުވުމަކީ އިންސާފުވެރިގޮތަކަށް ނުވާނެ" ކަމަށް ބިސާމް ވިދާޅުވި އެވެ. އަދި އެމައްސަލާގައި އެންމެ ރަނަގަޅުގޮތަކީ އެއްމުއައްސަސާ އަނެއް މުއައްސަސާއަށް އިނގިލި ދިއްކުރުން ނޫން ކަމަށާއި ގުޅިގެން މަސައްކަތް ކުރުން ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.

މުޙައްމަދު އިބުތިހާލް މަރާލާފައި އޮއްވައި ފެނުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު އިބުތިހާލްގެ މަންމަ އާފިޔާ އަޙުމަދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރުނެރުނެވެ. އަދި އެމައްސަލައިގައި އެއްވެސް މުއައްސަސާއަކުން އިހުމާލްވެފައިވޭތޯ ތަހުގީގުކުރުމަށް އަމުރެއް ނެރުއްވާނެ ކަމަށް އޭރު ހުންނެވި ޕްރޮސެކިއުޓާ ޖެނެރަލް އަމުރުކުރެއްވި އެވެ.

އާފިޔާ ފުލުހުންގެ އޮފިސަތުންތަކާއެކު ކްރިމިނަލް ކޯޓަށް ވަންނަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އިބްތިހާލްގެ މަންމަ އާފިޔާ ހައްޔަރުކޮށް އިތުރު ތަހުގީގަށް މާލެއަށް ގެނައީ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. އިބްތިހާލަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތަށް އާފިޔާގެ ދޮން ބައްޔަ އަހުމަދު ރައޫފް ހައްޔަރުކުރީ 2015 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 16 ވަނަ ދުވަހު އެވެ.

ތަހުގީގުތައް ނިމި އާފިޔާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، އެމައްސަލަ ކްރިމިލް ކޯޓަށް ހުށަހެޅީ މޭ މަހުގެ 24 ވަނަ ދުވަހު އެވެ. އާފިޔާގެ ދޮން ބައްޕަގެ މައްސަލަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެކޯޓަށް ހުށަހެޅި އެވެ.