އެމްޓީސީސީގެ "ޕްރިމިއަމް ލިންކް"ގެ ނަމުގައި ދަތުރުތައް ކުރާ އޭސީ ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ އޭސީ ފެރީގެ ދަތުރުތައް މެދުކަނޑާލީ އިއްޔެ ހަވީރު އެވެ.

އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް "ސަން"އަށް މިއަދު ވިދާޅުވީ، އެ ފެރީގެ ސައިލެންސަރުގެ މަރާމާތަކަށްފަހު މިއަދު ހަވީރު 4:30 އިން ފެށިގެން އެ ފެރީގެ ދަތުރުތައް އަލުން ފަށާފައިވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި އާންމު އުސޫލުގެ މަތިން އެފެރީގެ ދަތުރުތައް ބާއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ކޮއިމަލާ 1" އަދި "ކޮއިމަލާ 2" ގެ ނަމުގައި އެމްޓީސީސީގެ އޮޕަރޭޝަންތަކަށް ނެރުނު އޭސީ ފެރީގެ ޓިކެޓުގެ އަގަކީ 10 ރުފިޔާ އެވެ. 146 މީހުންގެ ޖާގައިގެ އޭސީ ދެ ފެރީ އިން މާލެއާ ހުޅުމާލެ އާ ދޭތެރޭ ކުރާ ދަތުރަކަށް ހޭދަވާނީ 15 މިނެޓެވެ.