އިއްޔެ މާލޭގައި އެމްޑީޕީން ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއުރާގެ މެމްބަރު އަހްމަދު މަހުލޫފް ފަސް ދުވަހަށް ގޭބަންދަށް ބަދަލުކޮށްފިއެވެ.

މަހުލޫފް ގޭބަންދަށް ބަދަލުކޮށްފައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ މަހުލޫފް ހައްޔަރުކުރީ ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް މަހުލޫފް ހައްޔަރުކުރި ކަމުގެ ލިޔުމުގައިވާގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ ޗާންދަނީމަގު ކުދިރަތްމާގޯޅި ކަންމަތީގައި ފުލުހުން މަގުބަންދުކޮށްގެން ތިއްބައި މަހުލޫފައި އިތުރު ބަޔަކު ވަދެ ކާކުކަން ނޭނގޭ މީހަކު ފުލުހެއްގެ ގައިގައި ޖަހާފައިވާ ކަމަށެވެ. އަދި އަދި މަހުލޫފް އެމީހާ ފިލުވާފައިވާއިރު، އެވަގުތު މަހުލޫފް ހައްޔަރުކުރަން އުޅެނިކޮށް ޖަލާލުއްދީން މިސްކިތަށް ވަދެ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.

ފުލުހުން މިއަދު ކޯޓުގައި ވެސް ބުނެފައި ވަނީ މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވެނީ ކުށެއްގެ ތުހުމަތުގައިވާ މީހަކު ފިލުވުމުގެ ތުހުމަތު ކަމަށެވެ.