ޖިންސީ ތަފާތު ކުރުންތައް ނައްތާލުމުގެ ގޮތުން "ޖެންޑާ އީކުއަލިޓީ" ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން އަމިއްލަ ބައެއް ޖަމިއްޔާތަކާ އަދި ސަރުކާރުގެ އިދާރާތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ކޮމެންޓު ހޯދައިފި އެވެ.

ބިލު ދިރާސާ ކުރުމަށް މަޖިލީހުގައި މިއަދު އޮތް އިޖުތިމާއީ ކޮމެޓީގައި ޖުމުލަ އަށް މުއައްސަސާއެއްގެ ކޮމެންޓު ވަނީ ހޯދާފަ އެވެ. އޭގެތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ސިވިލް ސާވިސް ކޮމިޝަނާއި ޖެންޑާ މިނިސްޓްރީއާ ހޯޕް ފޯ ވިމެނާއި އިސްލާމިކް މިނިސްޓްރީއާ ގާލް ގައިޑު އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއާ ޑިމޮކްރަސީ ހައުސްގެ އިތުރުން ޔޫއެންއެފްޑީއޭ ހިމެނެ އެވެ.

ބިލާ ގުޅޭގޮތުން މަޖިލީހުގެ ކޮމެޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫން ވިދާޅުވީ ތަފާތު ކުރުމަކީ ގާނޫނު އަސާސީން ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ވަޒީފާ އަދާ ކުރާ މީހަކަށް ވުމުން ވަކި ގޮތެއް އަދި ވަޒީފާ އަދާ ނުކުރާ މީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ ކަމަށެވެ.

"ވަޒީފާ ދޭ ފަރާތް ނޫން އެހެން ފަރާތްތައް ވެސް މީގައި އެބަ ހިމެނޭ. އަދި ބިލު ފަރުމާ ކުރެވިފައި އޮތް ގޮތުން ވަރަށް ގިނައިން މި އޮންނަނީ ދައުލަތާ ވިޔަފާރި މުއައްސަސާތަކާ އަދި އަމިއްލަ ފަރުދުންނަށް. އެކަމަކު ހަގީގަތުގައި އަޅުގަނޑުމެންނަކީ އަޅުގަނޑަކީ ޑިމޮކްރަސީ ހައުސްގެ ފަރާތުން އެންޖީއޯއެއްގައި އުޅޭ މީހެއް. އަޅުގަނޑުމެންނަށް ވެސް އެޕްލައިވާންޖެހޭނެ،" ޝުޖޫން ވިދާޅުވި އެވެ.

ޝުޖޫން ވިދާޅުވީ ޖިންސީ ތަފާތު ކުރުންތައް ނައްތާލުމުގެ ގާނޫނު ތަންފީޒުވާންޖެހޭނީ ހަމައެކަނި އަމިއްލަ ވިޔަފާރިތަކަށާއި ދައުލަތުގެ އިދާރާތަކަށް އެކަނި ނޫން ކަމަށެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫން (ކ): ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަދި އެޗްއާރްސީއެމްގެ ކުރީގެ ރައީސާ މަރިޔަމް އަޒްރާ ވިދާޅުވީ އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅިގެންދާއިރު ސިވިލް ސޮސައިޓީތަކުގެ ކޮމެންޓު ނުވަތަ އެ ބިލަކާ ދޭތެރޭ އެ ފަރާތްތަކުން ދެކޭ ގޮތާއި މެދު ރިޔާއަތްކުރަން ޖެހޭނެ ކަމަށެވެ.

އެޗްއާރްސީއެމްގެ ރައީސާ އައިމިނަތު އީނާސް ވިދާޅުވީ ބިލާ ގުޅޭ ގޮތުން ވަރަށ ްފުޅާކޮށް މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އަދި އެ ބިލެއް ރަނގަޅު ގޮތުގައި ވުޖޫދަށް އައުމަށް މިއަދު ބޭއްވިގެން ދިޔަ ކޮމެޓީއެއް އަދި އެއްފަހަރު ބާއްވައި ދިނުމަށް އީނާސް ވަނީ ކޮމެޓީގެ މުގައްރިރުގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ޖިންސީ ތަފާތު ކުރުންތައް ނައްތާލުމުގެ ބިލުގައި ބައެއް ކަހަލަ މަފްހޫމުތައް ބޭނުން ކޮށްފައި ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށެވެ. އެހެންކަމުން އެ ކަންކަން އާއްމު ރައްޔިތުންނަށް ފަސޭހައިން އޮޅުން ފިލައިގެން ދާނެ ގޮތެއް ބިލުގައި އޮތުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަ ގޮތުގައި ބިލުގައި ފިޔަޅު އެޅިގެން ދާނެ ގޮތެއް ބަޔާންކޮށްފައި އޮތުން ވަރަށް މުހިއްމު ކަންނޭނގެ. ބިލުގައި މިއޮތީ ބަދަލު ހޯދުމަށް ކޯޓަކަށް ދިއުމަށް. ނަމަވެސް އެނގިވަޑައިގަންނަވާނެ ފަދައިން ކޯޓަކާ ހަމައަށް ދިއުމަށް ވަރަށް ވަގުތު ނަގާނެ. އަދި ފައިސާ ވެސް ބޭނުންވާނެ." ޝަމީމް ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. ޝަމީމް: ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އަސާސީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ޖިންސަށް ނުވަތަ އެނޫން ވެސް ކަންކަމަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުން ލިބިދޭ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާ އެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ ޖިންސީ ތަފާތު ކުރުމެއް، ވަޒީފާދޭ ފަރާތަކުން ގެންގުޅެފި ނަމަ އެ ހިލާފުވި ހިލާފުވުން އިސްލާހުކުރުމަށް އެދި ތަފާތުކުރުން ރައްދުވި މީހާ ވަޒީފާދޭ ފަރާތަށް ލިޔުމުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެ ގެންނަން ކަނޑައަޅާފައިވާ އިސްލާހުތައް ގެނެސް ތަފާތު ކުރުން ރައްދުވި ފަރާތަށް ވަޒީފާދޭ ފަރާތުން ލިޔުމެއް ހުށަހަޅަންވާނެ އެވެ.

ވަޒީފާދޭ ފަރާތުން ތަފާތުކުރުން ގެންގުޅުނު ފަރާތަށް ދިން ލިޔުމުގައި ބުނެފައިވާ އިސްލާހުތައް 60 ދުވަހުގެ ތެރޭގައި ގެނެސްފައިނުވާ ނަމަ ވަޒީފާދީފައިވާ ފަރާތާއި މެދު ދައުވާ ކުރުމުގެ ހައްގު ޝަކުވާ ހުށަހެޅި ފަރާތަށް ލިބިގެންވެ އެވެ.

އެގޮތުން ދައުވާކުރާއިރު ބަދަލު ހޯދައި ދިނުމަށް ކޯޓުގައި އެދެވިދާނެ އެވެ. އަދި ޖިންސީ ތަފާތު ކުރުމެއް ގެންގުޅުނު ފަރާތަކީ ދައުލަތުގެ އިދާރާއެއް ނަމަ ނުވަތަ އާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތު އަދާކުރާ ފަރާތެއް ނަމަ އެފަރާތެއްގެ އަމަލު މުރާޖާކޮށްދިނުމަށް ވެސް ކޯޓުގައި ދައުވާ ކުރާ ފަރާތަށް އެދެވިދާނެ އެވެ. އަދި ކޯޓުން ނިންމާ ނިންމުމަކާއި މެދު ހިތްހަމަ ނުޖެހޭ ނަމަ އެ ނިންމުމެއް ގާނޫނު އަސާސީގެ 56ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކުރުމުގެ އިހްތިޔާރު ލިބިގެންވެ އެވެ.