13 Mar 2016, 08:42
އިންސާނާ ހަމަ ބުއްދީގައި ހުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނިންޖަކީ ވަރަށް މުހިއްމު އެއްޗެކެވެ. ހަމަ ނިދި ނުލިބޭނަމަ، ސިއްހީ ގޮތުން އެތައް މައްސަލަތަކަކާ ކުރިމަތިލާން ޖެހެއެވެ. ހަމައެއާއެކު ހަމަ ނިދި ނުލިބޭނަމަ، އަދާކުރާ ވަޒީފާ އާއި ބޮލުގައި އެޅިފައިވާ އެހެނިހެން ޒިންމާތައްވެސް ރަނގަޅު ގޮތުގައި އަދާ ކުރުމަށް ހުރަސް އެޅެއެވެ.
ހަމަނިދި ނުލިބުމުގެ މައްސަލަ އަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ތަހައްމަލު ކުރަމުން އަންނަ މައްސަލައެކެވެ. ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް، އެފަދަ މީހުންނަށް ނިދަން އުނދަގޫވެއެވެ. އަދި ނިދުނު ނަމަވެސް އިރުއިރުކޮޅާ ހޭލެވެއެވެ.
އެކަމަށް އޮތް ހައްލަކީ ކޮބާ؟
ބަލިވާ އިރަށް ޑޮކްޓަރަށް ދައްކަން ދިއުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވެއެވެ. އަދި އެއީ ގިނަ ބަޔަކު ކުރާ ހިތްވާ ކަމެއް ވެސް ނޫނެވެ. އެހެންކަމުން، އެ ބަލި ފަސޭހަ ކުރުމަށް ގެއިން ހޯދިދާނެ ފަރުވާއަކީ ކޮބައިތޯ އެންމެވެސް ބަލައެވެ.
އެހެނިހެން ބަލި ތަކެކޭ އެއްފަދައިން، ނިދުމުގައި ދިމާވާ ދަތިތަކަށްވެސް ގެއިން ހައްލު ހޯދިދާނެ އެވެ. އެގޮތުން ދޮންކޭލުގެ ސަޔަކީ އެފަދަ އެއްޗެކެވެ. ދޮންކޭލުގައި، ގިނަ އަދަދަކަށް މެގްނީސިއަމް އާއި ޕޮޓޭސިއަމް އެކުލެވެއެވެ. އެ ދެ މާއްދާ އަކީ، މަސްތަކާއި ލޭ ނާރުތައް ރިލެކްސް ކުރުމަށް ބޭނުންވާ ވަރަށް މުހިއްމު ދެ މާއްދާއެކެވެ.
އެހެންކަމުން ދޮންކެޔޮ ސައި ތައްޔާރު ކުރާ ގޮތަށް ބަލާލާނަމެވެ.
ބޭނުންވާ ތަކެތި:
އެއްވަށް ދޮންކެޔޮ (ރޯ)
އެއް ލީޓަރު ފެން
މާމުއި ނުވަތަ ފޮނިތޮށި ކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
ފެން ކައްކަން އުދާށެވެ. އަދި ދޮންކެޔޮވަށް އެ ފެނުގެ ތެރެއަށް ލާށެވެ. އެއަށްފަހު 10 ވަރަކަށް މިނެޓު ވަންދެން ކައްކާށެވެ. ދިހަ މިނެޓު ހަމަވުމުން، ކެއްކި ފެންކޮޅު ރަނގަޅަށް ފުރާނާލާށެވެ. އަދި ސައިގެ ރަހަ މީރު ކުރަން ބޭނުން ނަމަ، މާމުއި ނުވަތަ ފޮނިތޮށި ކޮޅެއް އެއްކޮށްލާށެވެ.
ދޮންކެޔޮ ސައި ބޭނުން ކުރުން ރަނގަޅީ ނިދަން އޮށޯތުމުގެ އެއް ގަޑިއިރު ކުރިންނެވެ.