12 Mar 2016, 16:05
މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މި އަހަރު ފެބްރުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގެންފައިވާ އާމްދަނީގެ އަދަދު 66.1 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފެބުރުއަރީ މަހު މީރާއަށް ބަލައިގަނެފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަނެފައި ވަނީ 79.8 މިލިއަން ޑޮލަރެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ފެބުރުއަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިންނެވެ. އެގޮތުން ފެބްރުއަރީ މަހު ޖީއެސްޓީގެ ގޮތުގައި 522.4 މިލިއަން ރުފިޔާ މީރާ އަށް ބަލައިގެންފައިވާ ކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ފެބުރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބެއް ކަމަށް މީރާ އިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާ އިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 11.7 ޕަސެންޓް އިތުރުވުމާ ގުޅިގެން ކަމަށެވެ.
އޭގެ އިތުރުން ޓޫރިޒަމްގެ ދާއިރާ އިން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށާއި އެ މުއްދަތުގައި ގްރީން ޓެސްކްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރާ އަޅާބަލާ އިރު އިތުރުވެފައިވާ ކަމަށް މީރާ އިން ބުނެ އެވެ.