12 Mar 2016, 16:18
މިހާރު ޖަރުމަނުގެ ބާލިންގައި ކުރިއަށްދާ އައީޓީބީ ފެއާގައި، ގެސްޓް ހައުސެސް އޮފް މޯލްޑިވްސް މެގަޒިނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ގެސްޓް ހައުސެސް އޮފް މޯލްޑިވްސް މެގަޒިނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަމުން އަންނަ ގެސްޓްހައުސްތަކުގެ މައުލޫމާތު ހިމަނައިގެން އުފައްދާފައިވާ މެގަޒިނެކެވެ.
ގެސްޓް ހައުސެއް އޮފް މޯލްޑިވްސްގެ ފަރާތުން އައިޓީބީ ފެއާއަށް ވަޑައިގެން އުޅުއްވާ އޮފިޝަލަކު ވިދާޅުވީ، އެ މެގަޒިންއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށާއި މިހާތަނަށް އައި އިރު ގިނަ ބަޔަކަށް އެ މެގަޒިން ދޫކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގިނަ ޓްރޭވަލް އެޖެންޓުންނާއި ޓްރޭޑް ވިޒިޓަރުންގެ މެދުގައި ވެސް ރާއްޖޭގެ ގެސްޓް ހައުސްތައް މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން އެ ފަރާތްތަކުން މެގަޒިނަށް ލިބޭ ތަރުހީބު ހީކުރި ވަރަށްވުރެ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޓީބީ ފެއާއަކީ ރާއްޖެ އަށް ޒިޔާރަތް ކުރާ އަހަރު، ނުވަތަ ވިޒިޓް މޯލްޑިވްސް އިޔާ ޕްރޮމޯޓް ކުރުމަށް މި އަހަރު ހިންގަން ނިންމާފައިވާ އެންމެ ބޮޑު އެ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.
ކޮންމެ އަހަރަކުން ވެސް އެއްފަހަރު ޖަރުމަނުގައި ބާއްވަމުން އަންނަ އެންމެބޮޑު ފެއާ، އައިޓީބީ ފެއާ މިއަހަރު ރާއްޖެ އަށް ހާއްސަ ވަނީ ޕާޓްނާ ހޯސްޓް ގައުމަކަށް މި އަހަރު ރާއްޖެ ހަމަޖައްސާފައިވާތީ އެވެ. އޭގެ އިތުރުން މިއަހަރަކީ އައިޓީބީ ފެއާގެ 50 ވަނަ އަހަރީ ދުވަހަށް ވާތީ މި އަހަރުގެ ފެއާ މުޅި ޖަރުމަނަށް ހާއްސަވެ އެވެ.
އެ ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް މިނިސޓްރީ އަދި މަޓާޓޯ ފަދަ ޓޫރިޒަމް ހިސްސާވާ ފަރާތްތައް ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.