12 Mar 2016, 15:06
ބޭރޫތު (މާޗް 12): އަށާރަ މަސް ދުވަހުގެ ތެރޭގައި ސީރިއާގެ އިންތިހާބުތައް ބާއްވަން ޔޫއެންއިން ސީރިއާއަށް ހަމަޖައްސާފައި ހުންނަ މަންދޫބު، ސްޓެފާން ޑި މިސްތުރާ ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު ބާއްވަން މިސްތުރާ އިއްޔެ ގޮވާލައްވާފައި ވަނީ ސީރިޔާގެ ދާހިލީ ހަނގުރާމައަށް ފަސް އަހަރު ފުރެން ގާތްވެފައި ވަނިކޮށެވެ. އޭނާ އެދިވަޑައިގެންފައި ވަނީ ސެޕްޓެމްބަރު 2017ގައި އެ ދެ އިންތިހާބު ބޭއްވުމަށެވެ. އޭނާ އެހެން ވިދާޅުވީ ސީރިއާ ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުން ޖެނީވާގައި ސުލްހައިގެ ވާހަކަތައް ފަށަން ހަމަޖައްސާފައި އޮތް ދުވަސް ކައިރިވެފައި ވަނިކޮށެވެ.
"އާ އިންތިހާބުތައް ބާއްވަން ޖެހޭނީ ހޯމަ ދުވަހު ފަށާ ސުލްހައިގެ ވާހަކަތަކަށް 18 މަސް ދުވަހަށް ހަމަވާ ފަހުން،" ރަޝިއާގެ ސްޓޭޓް ނިއުސް އޭޖެންސީއާ ވާހަކަ ދައްކަވަމުން މިސްތުރާ ވިދާޅުވި އެވެ.
ރަޝިއާ އާއި އެމެރިކާއިން މެދުވެރިވެގެން ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން، ސީރިއާގެ ހަނގުރާމަ މިހާރު ވަނީ ދެ ހަފްތާއަށް މެދުކަނޑާލާފަ އެވެ.
ފަސް އަހަރުވެފައިވާ ސީރިޔާ ހަނގުރާމައިގެ ސަބަބުން 250،000 މީހުން ވަނީ މަރުވެފަ އެވެ. އަދި 11 މިލިއަން މީހުން ވަނީ ގެދޮރުނެތިފަ އެވެ. (އަލްޖަޒީރާ)