މާލޭގެ މަަސް މާރުކޭޓު މަތީގައި ހުންނަ "ލިސްޓް" ނަމަކަށް ކިޔާ ފިހާރައެއްގެ ބޭރު ހަރުގައި ބަހައްޓާފައި ހުރި ސޯޓުތަކުގެ ތެރެއިން ސޯޓެއް ވަގަށް ނެގި މީހަކު ތިން މަސް ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު އެ މައްސަލާގައި ހުކުމްކޮށްފައިވަނީ، ނ.ލަންދޫ، ފާގަތި، އަހުމަދު މައުރޫފުގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނާ ގޮތުން، މިދިޔަ އަހަރު މާޗު މަހުގެ ހަތް ވަނަ ދުވަހު، މަސްމާރުކޭޓު މަތީގައި ހުންނަ "ލިސްޓް" ނަމަކަށް ކިޔާ ފިހާރައިން ވައްކަން ކުރި ކަމަށް މައުރޫފު ވަނީ އިއުތިރާފު ވެފައެވެ.

އެހެންކަމުން އޭނާ އަށް އެ ކުށް ކުރެވިއްޖެ ކަން ޝަރީއަތަށް ސާބިތުވާތީ، އާ ގާނޫނުލް އުގޫބާތުގެ ދަށުން އޭނާއަށް ދޭންޖެހޭ އަދަބު ލުއިވިޔަސް ވެސް މުޖުތަމައުގެ މަސްލަހަތަށް ބަލައި، ދެ ފަހަރަށް ވައްކަން ކޮށްފައިވާކަން ސާބިތު ވެފައިވާތީ އޭނާ ޖަލަށްލުމަށް ހުކުމްކުރީ ކަމަަށެވެ.