12 Mar 2016, 14:22
ޗިކާގޯ (މާޗް 12): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަމަށް ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕްގެ ޗިކާގޯ ކެމްޕެއިން ރެލީގައި ހަމަނުޖެހުންތައް ބޮޑުވުމުގެ ސަބަބުން، ސަލާމަތީ ސަބަބުތަކަށްޓަކައި ރެލީ ކެންސަލްކޮށްފި އެވެ.
ޝިކާގޯގެ ޔުނިވާސިޓީ އޮފް އިލިނޯއިގައި އިއްޔެ ބާއްވަން ހަމަޖައްސާފައި އޮތް ރެލީއަށް ޓްރަމްޕް ވަޑައިގެންނެވުމުގެ ކުރިން، އޭނާއާ އިިދިކޮޅު ފަރާތްތަކުން ވަނީ ޔުނިވާސިޓީއަށް ވަދެ ޓްރަމްޕަށް ތާއިދު ކުރާ ފަރާތްތަކާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. އޭގެ ސަބަބުން ޓްރަމްޕްގެ ކެމްޕެއިން ޓީމުން ވަނީ "ސަލާމަތީ ސަބަބުތަކަށްޓަކާ" ރެލީި ކެންސަލްކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.
"ޗިކާގޯއަށް ވަޑައިގެން ފުލުހުންނާ ބައްދަލު ކުރެއްވުމަށްފަހު، މި ސަރަހައްދަށް އެއްވެފައި ތިބި އެތައް ހާސް މީހުންގެ ސަލާމަތަށްޓަކާ ޓްރަމްޕް ވަނީ މިރޭގެ ރެލީ އެހެން ރެއަކަށް ލަސްކުރަން ނިންމަވާފައި،" ޓްރަމްޕްގެ ކެމްޕެއިން ޓީމުން ބުންޏެވެ.
ނަމަވެސް، ޝިކާގޯ ފުލުހުން ވަނީ ޓްރަމްޕަށް އެފަދަ އިރުޝާދެއް ދީފައި ނުވާނެ ކަމަށް ބުނެފަ އެވެ.
ހަމަނުޖެހުންތަކުގެ ސަބަބުން ރެލީ ކެންސަލް ކުރިކަން އެންގުމުން، އިދިކޮޅު ފަރާތްތަކުން ވަނީ "އަހަރުމެން ޓްރަމްޕް ހުއްޓުވައިފިން" ކަމަށް ބުނެ އަޑުގަދަކޮށްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ ކެމްޕެއިން ޕޯސްޓަރުތައް ވީދާ، މާރާމާރީ ހިންގާފަ އެވެ. ހަމަނުޖެހުންތައް ހުއްޓުވުމުގެ ތެރޭގައި ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
މިއީ ޓްރަމްޕްގެ ރެލީއެއްގައި ހަމަނުޖެހުންތައް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މިިދިޔަ ހަފްތާގައި ނިއު އޯލިންސްގައި އޮތް ޓްރަމްޕްގެ ރެލީއަކަށް ކަޅު ނަސްލުގެ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ 'ބްލެކް ލައިވްސް މެޓާ' ޖަމްއިއްޔާގެ ބައިވެރިން ވަނުމާ ގުޅިގެން ސެކިއުރިޓީން ވަނީ އެ މީހުން ބޭރުކޮށްލާފަ އެވެ. އަދި އުތުރު ކެރޮލައިނާގައި އޮތް ރެލީއެއްގައި ޓްރަމްޕަށް ތާއިދު ކުރާ ފަރާތަކުން ވަނީ، ޓްރަމްޕާ އިދިކޮޅު ފަރާތެއްގެ ގައިގަ ޖަހާފަ އެވެ. ނަމަވެސް، މިއީ ހަމަނުޖެހުންތަކުގެ ސަބަބުން ޓްރަމްޕްގެ ރެލީއެއް ކެންސަލްކުރި ފުރަތަމަ ފަހަރެވެ. (އަލްޖަޒީރާ)