26 Apr 2011, 17:57
ދިވެހިރާއްޖޭގެ ކުޅިވަރުގެ ގައުމީ މަރްކަޒު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަމުގައި މަރްކަޒެއް ގާއިމް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، އެގޮތަށް ނިންމެވީ، އެ މަރްކަޒު އުފެއްދެވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން އެކުލަވައިލެއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގަ ކަމަށެވެ.
"ޒުވާނުންނަށް ކުޅިވަރާބެހޭ ތަމްރީނު ދިނުމާއި، އުނގަންނައިދިނުން މިހާތަނަށް އޮތީ، ޒުވާނުންނާއި ކުޅިވަރުގެ ކަންތައް ބަލަހައްޓާ ވުޒާރާގެ ދަށުން [ޒުވާނުންނާއި ކުޅިވަރު ކުރިއަރުވާ މަރްކަޒު] އިން ހިންގާ ހަރަކާތެއްގެ ގޮތުގައި ކަމަށްވެފައި، ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ތަރައްގީވެ ފުޅާވަމުން ދިޔުމާއެކު، ކުޅިވަރުގެ ގައުމީ މަރްކަޒެއް ރާއްޖޭގައި ގާއިމް ކުރުމަކީ، ކުޅިވަރާބެހޭ ކަންތައް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމުގައި މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުން ބުނެ އެވެ.
މިއަދުގެ ޖަލްސާގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ]މީރާ] އިން ކުރަމުން ގެންދާ މަސައްކަތްތައް، މަޖިލީހުގެ މެންބަރުން ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
"އަދި ރާއްޖޭގެ އެކި ދާއިރާތަކުން ސަރުކާރަށް ލިބެންޖެހޭ ވަރަށްގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމާއެކު، އެފައިސާވެސް ސަރުކާރުގެ ރެވެނިއުއަށް ވީހާވެސް އަވަހަކަށް ލިބޭނެ ގޮތަކަށް މަސައްކަތްތައް ގެންދެވުމަކީ، ރާއްޖޭގެ އިގުތިސާދަށް މިވަގުތު ލިބިފައިމިވާ ހީނަރުކަމަށްވެސް އަންނާނެ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި މަޖިލީހުގެ މެންބަރުން ވިދާޅުވި އެވެ." ރައީސް އޮފީހުން ބުންޏެވެ.