ހުރިހާ މައިންބަފައިންގެ އުއްމީދަކީ ވެސް އެ މީހުންގެ ކުދިންނަކީ އުފާވެރި، ކާމިޔާބު ކުދިންނަށްވުމެވެ. ނަމަވެސް، ކުދިން ބިނާ ކުރުމަށް ތަފާތު ބެލެނިވެރިން އިހުތިޔާރު ކުރާނީ ތަފާތު ގޮތްތަކެވެ. އެގޮތުން، އިލްމީ ގޮތުންނާއި މަސައްކަތުގެ މާހައުލުގައި ކާމިޔާބު ކުދިން ބިނާކޮށްފައިވާ ބައެއް ބެލެނިވެރިންގެ ފަރާތުން ސައިންސުވެރިންނަށް އާއްމުކޮށް ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި:

ކުދިން ލައްވާ ގޭގެ މަސައްކަތްތައް ކުރުވާ

އިނގިރޭސިވިލާތުގެ ސްޓެންފޯޑް ޔުނިވާސިޓީގެ ކުރީގެ ޑީން އަދި "ހައު ޓު ރެއިޒް އެން އެޑަލްޓް"ގެ ލިޔުންތެރިއާ، ޖޫލީ ލިތްކޮޓް ހައިމްސް ގަބޫލު ކުރައްވާ ގޮތުގައި ކުދިން ލައްވާ ގޭތެރޭގެ މަސައްކަތް ކުރުވުުމުން އެ ކުދިން ވެގެންދާނީ ވަޒީފާގެ މައިދާނުގައި އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރަން އެނގޭ، އަމިއްލައަށް ކަންތައްތަކާ ކުރިމަތިލާން އެނގޭ މީހުންނަށެވެ.

އެހެން ކުދިންނާ ގުޅުން ބަދަހިކުރަން ދަސްކޮށް ދޭ

ޕްރީސްކޫލު އުމުރުން ފެށިގެން ފެށިގެން 25 އަހަރުވަންދެން ކުދިންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ބަލަން ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވާސިޓީ އާއި ޑިއުކް ޔުނިވާސިޓީގެ ސައިންސުވެރިން ހެދި ދިރާސާއަކުން ފާހަގަ ކުރެވުނު ގޮތުގައި ޕްރީސްކޫލުގައި އެ ކުދިން އެހެން ކުދިންނާ ގުޅުން ބަދަހި ކުރި މިންވަރާއި އޭގެ 20 ވަރަކަށް އަހަރު ފަހުން އެ ކުދިން ހޯދާފައިވާ ކާމިޔާބީގެ މިންވަރާ ގުޅުމެއްވެ އެވެ.

ވިހި އަހަރަށް ދެމިގެން ދިޔަ އެ ދިރާސާއިން ދެއްކި ގޮތުގައި، ކުޑައިރު އެހެން ކުދިންނާ ގުޅިގެން މަސައްކަތް ކުރި، އެހެން ކުދިންނަށް އެހީތެރިވެދިން އަދި އެ ކުދިންނަށް ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލު ކުރަން އެނގޭ ކުދިން އުމުރުން 25 އަހަރުވާއިރު ކޮލެޖް ޑިގްރީއެއް ހާސިލުކޮށް، ފުލް ޓައިމް ވަޒީފާއެއް އަދާކުުރުމުގެ ފުރުސަތު މާބޮޑެވެ.

އަދި އިޖުތިމާއީ ގުޅުންތައް ބަލިކަށި ކުދިން ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ދިރާސާއިން ދެއްކި އެވެ.

ކުދިންނަށް ކުރާ އުއްމީދުތައް ބޮޑު

އެމެރިކާ އަށް 2001 ވަަނަ އަހަރު އުފަންވި 6،600 ކުދިންގެ މައުލޫމާތު ހިމަނައިގެން ޔުނިވާސިޓީ އޮފް ކެލިފޯނިއާ އިން ހެދި ދިރާސާކުން ދެއްކި ގޮތުގައިި ބެލެނިވެރިން އެ މީހުންގެ ކުދިންނަށް ޓަކައި ކުރާ އުއްމީދުތަކާއި އެ ކުދިންނަށް ހާސިލުކުރެވޭ ކަންތައްތަކާ ބޮޑު ގުޅުމެއްވެ އެެވެ.

"ކުއްޖާއަށް ކޮލެޖަށް ދެވޭނެ ކަމަށް އުއްމީދު ކުރި ބެލެނިވެރިން ވަނީ އެމީހުންގެ މުސާރައާއި މުދަލަށް ނުބަލައި އެކުދިން ކޮލެޖަށް ފޮނުވޭނެ ގޮތެއް ހޯދާފައި،" ޔުނިވާސިޓީގެ ޕްރޮފެސަރަކު ވިދާޅުވި އެވެ.

މައިންބަފައިންގެ މެދުގަ އަދި ދަރިންނާއި މައިންބަފައިންގެ މެދުގައި ރަނގަޅު ގުޅުމެއް އޮވޭ

ޔުނިވާސިޓީ އޮފް އިލިނޯއި އިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ކުޑަކުދިންގެ އާއިލާގައި ހަމަނުޖެހުންތައް ގިނަ ނަމަ އެކުދިންގެ ކާމިޔާބީއަށް ނޭދެވޭ އަސަރު ކުރެ އެވެ. އަދި ދެބަސްވުންތައް ގިނަ ބެލެނިވެރިންގެ ގާތުގައި އުޅުމަށް ވުރެ އެއް ބެލެނިވެރިއެއްގެ ގާތުގައި ކުއްޖާ ދިރިއުޅުން ރަނގަޅުވާނެ ކަމަށް ވެސް ޔުނިވާސިޓީ އޮފް އިލިނޯއިގެ ޕްރޮފެސަރު ރޮބަޓް ހިއުސް ޖޫނިއާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެހެން ދިރާސާއަކުން ދެއްކި ގޮތުގައި ކުޑައިރު މައިންބަފައިން ވަރިވެފައިވާ ކުދިން އޭގެ ދިހަ އެއް ނުވަތަ 20 އަހަރު ފަހުން ވެސް އެކަމާ ހިތާމަ ކުރެ އެވެ.

މައިންބަފައިންނާއި ދަރިންނާ ދެމެދު ގާތް ގުޅުމެއް އޮތުމަކީ ވެސް ކުއްޖާގެ ހެދިބޮޑުވުމަށް މުހިއްމު ކަމެކެވެ. ފަގީރު އާއިލާތަކަށް އުފަން 243 ކުދިން ހިމަނައިގެން ދެހާސްތޭރަ ވަނަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ކުއްޖާގެ ފުރަތަމަ ތިން އަހަރު ތެރޭގައި ބެލެނިވެރިންގެ ފަރާތުން އިންތިހާއަށް އަޅާލުން ލިބުނު ކުދިންގެ ސްކޫލް ނަތީޖާ އެހެން ކުދިންނާ އަޅާބަލާއިރު ރަނގަޅެވެ. އަދި އެކުދިން ބޮޑުވުމުން އެހެން މީހުންނާ ބާއްވާ ގުޅުން ވަރުގަދަ ވުމުގެ އިތުރުން ތައުލީމީ ގޮތުން ހޯދާ ކާމިޔާބީތައް އިތުރެވެ.

ކުއްޖާ ކުޑައިރު ހިސާބު ދަސްކޮށްދޭ

ދެހާސްހަތްވަނަ އަހަރު އެމެރިކާއާއި ކެނެޑާއާއި އިނގިރޭސިވިލާތުގެ ޕްރީސްކޫލަށްދާ އުމުރުގެ 35،000 ކުދިންގެ ނަތީޖާތަކަށް ބެލުމަށް ފަހު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ކުދިން ކުޑައިރު ހިސާބު ދަސްކޮށް ދިނުމަކީ ސްކޫލް ދައުރުގައި އެކުދިންނަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމެކެވެ.

ކާމިޔާބުވުމަކީ އުފަންވާއިރު ހުންނަ ހުނަރަކަށް ވުރެ މަސައްކަތް ކުރުމުން ލިބޭ އެއްޗެއް ކަމަށް ދަސްކޮށްދޭ

ކާމިޔާބީއާ މެދު ކުދިން ދެކޭ ގޮތަކީވެސް އެކުދިންގެ ކާމިޔާބީއަށް ނުފޫޒުފޯރުވާ ކަމެކެވެ.

ސްޓެންފޯޑް ޔުނިވާސިޓީގެ ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ކާމިޔާބީއާ މެދު މީހުން ދެކެނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ، ކާމިޔާބީއަށް މަގުފަހިވާ ހުނަރުވެރިކަމާއި ވިސްނުންތޫނުކަމަކީ އުފަންވުމުގައި ހުންނަ ކަންތައްތައް ކަމަށް ގަބޫލު ކުރުމެވެ. އެވިސްނުން ހުންނަ ކުދިންނަށް ކަމެއް ކާމިޔާބު ނުކުރެވިއްޖެ ނަމަ އެކުދިންނަށް ގަބޫލު ކުރެވޭނީ އެއީ އުފަންވުމުގައި އެކުދިންގެ އެހުނަރު ނެތީ ކަމަށެވެ. ނޫނީ އެހުނަރު ގެއްލުނީ ކަމަށެވެ.

އެއާ ހިލާފަށް، ކާމިޔާބީއަކީ މަސައްކަތް ކުރުމުން ލިބޭ އެއްޗެއް ކަމަށް ގަބޫލު ކުރާ ކުދިންނަށް އެއް ފަހަރު ނާކާމިޔާބު ވުމަކީ މާބޮޑު ކަމަކަށް ނުވާނެ އެވެ. އެކުދިން ދެކޭނީ އެއީ ރަނގަޅު ތަޖުރިބާއެއްގެ ގޮތުގަ އެވެ.

އެހެން ކަމުން، ބެލެނިވެރިން ކުދިންނަށް ވިސްނާ ދިނުން ރަނގަޅީ ކާމިޔާބީއަކީ އެކުދިން އުފަންވުމުގައި ހުންނަ ހުނަރަކަށްވުރެ، އެކުދިންގެ މަސައްކަތުން ލިބޭ އެއްޗެއް ކަމަށެވެ. (އިންޑިޕެންޑެންޓް)