އިދިކޮޅު އެމްޑީޕީން އިއްޔެ ކުރިއަށް ގެންދިޔަ ހިނގާލުމަށް ފަހު ހިނގި ހަމަނުޖެހުމުގައި ގަލޮޅު ދެކުނު ދާއިރާ މެމްބަރު އަހުމަދު މަހުލޫފު ފުލުހުން ހައްޔަރުކޮށްފައި ވަނީ ޖަލާލުއްދީން މިސްކިތަށް ވަދެ މިސްކިތުގެ ހުރުމަތް ކަނޑޭ ގޮތަށް ކަމަށާއި އޭނާ ވަގުތުން ދޫކޮށްލައި މިނިވަން ކުރުމަށް އެމްޑީޕީ އިން ގޮވާލައިފި އެވެ.

އެކަން ކުށްވެރިކޮށް މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަހުލޫފު ހައްޔަރު ކުރުމުގެ އިތުރުން އެއްވުމުގެ ބައިވެރިންގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ.

"އެ މަންޒަރު ކަވަރުކުރަމުންދިއަ ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމުގެ ލޮލަށާއި އެ ނޫން ވެސް އެތަކެއް ބައެއްގެ ލޮލަށް ގިނަ އަދަދެއްގެ ކަރުނަ ގޭސް ޖެހުމުގެ ސަބަބުން ބައެއް ފަރާތްތައް ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެންދަން ޖެހިފައި،" އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ހަމައެއާ އެކު އިއްޔެގެ އެއްވުން ފެށުމުގެ ކުރިން، އެއްވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ގެއަކަށް ފުލުހުން ވަދެ، އެގޭގައި ހުރި ސައުންޑު ސިސްޓަމާއި ސްޕީކަރުތަކެއް ގެންގޮސްފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެތަކެތި ގެންދިއުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ދިނުމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ގެނބިގެން ގޮސްފައިވާ ދަށު ދަރަޖަ ރަނގަޅަށް ހާމަވެގެންދާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކާފާނެކަމަށް ބަލައިގެން ފުލުހުންނާއި ކްރިމިނަލް ކޯޓުން ދުރާލައި ރާވައިގެން އެ އެއްވުމަށް ހުރަސްއެޅުމުގެ ގޮތުން ޤާނޫނު އަސާސީއާ ޚިލާފަށް ހިންގާފައިވާ ޢަމަލެއް،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ، އެއްވުން ނިންމާލުމަށް ފަހު ބައިވެރިން އެނބުރި ގެއަށް ދިޔަ ދިއުމުގައި ވެސް، މީހުން ހުއްޓުވައި ހިނގާ ބިނގާވެ އުޅުމުގެ ހައްގަށް ވެސް ފުލުހުން އަރައިގެންފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީ އިން ތުހުމަތު ކުރާ ގޮތުގައި މަހުލޫފު ހައްޔަރުކުރީ ފުލުހުން ބޫޓާ އެކު މިސްކިތަތަށް ވަދެ މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކޮށްގެންނެވެ. ނަމަވެސް ފުލުހުން ބުނީ މިސްކިތުގެ ހުރުމަތް ކެނޑޭނެ ފަދަ ކަމެއް ނުކުރާ ކަމަށާއި އިންވެސްޓިގޭޓިވް ޖާނަލަޒިމް ބޭނުންކޮށް ފުލުހުން މިސްކިތަށް ވަނީ ބޫޓާ އެކުތޯ ނޫސްވެރިން ބެލުމަށް ދައުވަތު ދޭ ކަމަށެވެ.