12 Mar 2016, 11:36
ތިމާވެށީގެ މައްސަލަތައް ކުރިމަތިކޮށް ހުއްޓުވާފައިވާ 1.4 ބިލިއަން ޑޮލަރުގެ ކޮލަމްބޯ ޕޯޓް މަޝްރޫއު އަލުން ފެއްޓުމުގެ ހުއްދަ ސްރީލަންކާ ސަރުކާރުން ދީފި އެވެ.
އެ މަޝްރޫއު އަލުން ފެއްޓުމުގެ ހުއްދަ ސްރީލަންކާ ސަރުކާރުން ދިން އިރު އަންނަ މަހު ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގްހާ ޗައިނާ އަށް ޒިޔާރަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
"ބައެއް ކަހަލަ ހިފެހެއްޓުމާ އެކު އެ މަޝްރޫއު އަލުން ފެއްޓުމުގެ ހުއްދަ، ކެބިނެޓްގެ އެކޮނަމިކް ކޮމެޓީ އިން ވަނީ ދީފައި،" ލަންކާ ސަރުކާރުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުންޏެވެ.
ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސަރުކާރުން 1.4 ބިލިއަން ޑޮލަރުގެ މަޝްރޫއު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުއްޓުވީ ތިމާވެށީގެ މައްސަލަތައް ކުރިމަތިކޮށެވެ. އަދި ސަރުކާރުން ވަނީ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ހޯދައިފަ އެވެ.
ނަމަވެސް ކެބިނެޓްގެ ސަބް ކޮމެޓީ އިން ވަނީ އަލުން އެ މަޝްރޫއު ފެއްޓުމުގެ ހުއްދަދީފަ އެވެ.
އެ މަޝްރޫއު އަށް ހުއްދަ ދިނީ، އިންޓަނޭޝަނަލް ޓްރޭޑް އެންޑް ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް މިނިސްޓަރު މާލިކް ސަމަރަވީރާ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އަދި ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތައް ނިންމަވާލެއްވުމަށް ފަހު ލަންކާ އަށް ވަޑައިގެންނެވި ފަހުންނެވެ. ދެ ގައުމުގެ ދެމެދުގައި ދެއްކި ބައިލެޓްރަލް ވާހަކަތަކުގެ ތެރޭގައި ޕޯޓް މަޝްރޫއު ވެސް ހިމެނެ އެވެ.
ސަމަރަވީރާ ވިދާޅުވީ ކޮލަމްބޯ ޕޯޓް މަޝްރޫއުގެ މަސައްކަތް އަލުން މި މަހު ފެއްޓޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޕޯޓް ސިޓީ މަޝްރޫއުގެ ތިމާވެށީގެ ރިޕޯޓް މިހާރު ލިބިފައިވާ ކަމަށާއި އަދި ބައެއް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ބިން ކުއްޔަށްދޭ މުއްދަތު 99 އަހަރުގައި ދެމި އޮންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ނިމުމަށް ފަހު ޕޯޓް ސިޓީ އޮޕަރޭޓް ކުރާނީ ޗައިނާ އާއި ސްރީލަންކާގެ ޖޮއިންޓް ވެންޗާ ކުންފުންޏަކުން ކަމަށެވެ.
އޭނާ ވިދާޅުވީ ލަންކާގެ ދެކުނުން، ހަމްބަންޓޯޓާ ސަރަހައްދުން 1000 އޭކަރުގެ ބިން، ހާއްސަ އިންވެސްޓްމަންޓްތަކާއި އިންޑަސްޓްރިއަލް ޒޯނެއް ގާއިމު ކުރުމަށް ޗައިނާ އިން ބޭނުންވާ ކަމަށެވެ.
ކޮލަމްބޯ ޕޯޓް ސިޓީ މަޝްރޫއަކީ ބިން ހިއްކައިގެން ހިންގާ މަޝްރޫއު އެކެވެ. ކޮލަމްބޯ ޕޯޓާ ގުޅިގެން ގާއިމު ކުރާ އެ ސިޓީގައީ ލެޝާ އެޕާޓްމަންޓްތައް ގާއިމު ކުރާނެ ކަމަށް ދެ ފަރާތުގެ އެގްރީމަންޓްގައި ބަޔާންކޮށްފައިވެ އެވެ.
މައުލޫމާތު: ބިޒުނަސް ސްޓޭންޑަޑް