ހަރްތޫމް (މާޗް 12): ދެކުނު ސޫދާނުގެ އަސްކަރިއްޔާގެ ހަނގުރާމަވެރިންނަށް އިނާޔަތެއްގެ ގޮތުން އަންހެނުން ރޭޕް ކުރަން ފުރުސަތު ދޭ ކަމަށް އދ. އިން ބުނެފި އެވެ.

އދ. އިން އާއްމު ކުރި ރިޕޯޓެއްގައިވާ ގޮތުން ސޫދާންގެ ޔުނިޓީ ސްޓޭޓްގައި އެކަނި ވެސް މިދިޔަ އަހަރު 1300 އަންހެނުން ރޭޕްކޮށްފައިވާ ކަމަށް ތަހުގީގުތަކުން ދައްކަ އެވެ. އަދި އެ ގައުމުގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި އަސްކަރިއްޔާއިން ވަނީ އިދިކޮޅު ފަރާތްތަކާ އެއްވަރަަށް އާއްމުންނަށް ވެސް ހަމަލާދީފައި ކަމަށް އެރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން، ދެކުނު ސޫދާންގެ އަސްކަރިއްޔާއާ ގުޅިގެން މަސައްކަތް ކުރާ ހަނގުރާމަވެރިން މަސައްކަތް ކުރަނީ ހަނގުރާމަ ކުރާއިރު "ކުރެވޭނެ ކަމެއް ކުރުމަށާއ،ި ނެގެން އޮތް އެއްޗެއް ނެގުމަށް" ހުއްދަ ދީފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ޔޫއެންގެ ރިޕޯޓުގައިވެ އެވެ. އެ އެއްބަސުވުމުގެ ދަށުން ހަނގުރާމަވެރިންނަށް މުސާރައިގެ ބަދަލުގައި އަންހެނުންނާއި ކުޑަކުދިން ވަގަށް ނަގާ ރޭޕް ކުރުމުގެ ފުރުސަތު ލިބެ އެވެ. އޭގެ އިތުރުން ހަނގުރާމަވެރިން ވަނީ އާއްމުންގެ މުދަލާއި ޖަނަވާރުތައް ވެސް ވަގަށް ނަގާފައި ކަމަށް އދގެ ރިޕޯޓުގައިވެ އެވެ.

ދެކުނު ސޫދާންގެ ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ނަމަވެސް، އެއީ "އަޅާނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް" ތުހުމަތުތަކެއް ކަމުން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ދެކުނު ސޫދާންގެ އަސްކަރިއްޔާގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވެސް ވަނީ އިންސާނީ ހައްގުތަކަށް އަރައިގަނެފައި ކަމަށް ޔޫއެން އިން ވަނީ ބުނެފަ އެވެ.

ދެކުނު ސޫދާނުގެ ރައީސާއި އެގައުމުގެ ކުރީގެ ނައިބު ރައީސާ ދެމެދު ހިނގި ދެބަސްވުމަކާ ގުޅިގެން 2013 ވަނަ އަހަރު ފެށުނު ދާހިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ދިހަހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ދެ މިލިއަނަށް ވުރެ މީހުން ވަނީ ގެދޮރުނެތިފަ އެވެ. (ބީބީސީ)