މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯ އިންވެސް ވަނީ ވަރަށް ރީތި ހުށައެޅުންތަކެއް ފެނިގެން ގޮސްފައިވެ އެވެ. "މޫވީ ނައިޓު" ތީމަކަށް ބަލައިގެން، ޝޯގެ 10 ބައިވެރިން ވެސް ވަނީ ދިވެހި ފިލްމުތަކުން ފާހަގަކޮށްލެވޭ މަޝްހޫރު ލަވަތަކެއް ހުށަހަޅައި ދީފަ އެވެ. އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެއް ލަވައަކީ، ހުނަރުވެރި ޝަލަބީ އިބްރާހިމް ހުށައަޅައިދިން "މީ ނާނާ" މި ލަވަ އެވެ.

ޝަލަބީގެ "މީ ނާނާ" އިން އެންމެ ފުން އަސަރު ކުރި އެއް ފަރާތަކީ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އެވެ. ޝަލަބީގެ ހުށަހެޅުމަށް އައްމަޑޭ ކޮމެންޓު ކުރި އިރު އޭނާ އަށް ވަނީ ރޮވިފަ އެވެ.

"ތިއަށްވުރެ ވަކި ރަނގަޅު ހުށަހެޅުމެއް މި ޝޯވް ފައްޓާކަށް ހިއެއް ނުވާ އިންނާނެ ހެން. އަހަންނަށް ޕާސަނަލީ ވަރަށް މުހިއްމު ލަވައެއް މި ލަވައަކީ. މިއީ އަހަރެންގެ ބައްޕައަށް ވެސް ވަރަށް ކަމުދާ ލަވައެއް...،" އައްމަޑޭ ބުންޏެވެ.

ރޭގެ ޝޯގައި ބައިވެރިން ހުށަހަޅައިދިން ލަވަތަކާ މެދު ޖަޖުން ތިބީ ހިތްހަމަޖެހިފަ އެވެ. އަދި ހުރިހާ ބައިވެރިން ވެސް "އިމްޕްރޫވް" ކުރަމުން އަންނަ ކަމަށް ޖަޖުން ފާހަގަ ކުރި އެވެ.

ބައިވެރިން ހުށަހަޅައިދިން ލަވަތަކުގެ ތެރޭގައި، ރޯލީމާ، ހުވާ ކޮށްފާ ބުނަން، ނޭނގޭ ގޮތެއްވޭ، އާދޭ މިއަދު ދާން ފަދަ ދިވެހިންގެ ތެރޭގައި މަޝްހޫރު ލަވަތައް ފާހަގަކޮށްލެވެއެވެ.

ބެލުންތެރިންގެ 50 ޕަސެންޓު ވޯޓު، އަދި ޖަޖުންގެ 50 ޕަސެންޓު މާކްސް އާ އެކު ކުރިއަށްދާ މޯލްޑިވިއަން އައިޑަލްގެ ރޭގެ މިޝޯވް އިންވެސް ކޮންމެ ވެސް އެއް ބައިވެރިއަކު ވަކިވާނެ އެވެ.

ބެލުންތެރިންނަށް އެންމެ ކަމުދާ ލަވަކިޔުންތެރިއަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު މިއަދު ހަވީރު 04:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.