12 Mar 2016, 08:43
އައިއޯއެސްގައި މަސައްކަތް ކުރާ އެޕަލްގެ އައިފޯނުގައި، ހުޅުވާފައި ނަމަވެސް ބޭނުން ނުކޮށް ހުންނަ އެޕްލިކޭޝަނުތަކުގެ ސަބަބުން، ފޯނުގެ ބެޓެރީގެ ބާރަށް (ޗާޖު ހުރި މިންވަރަށް) އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެޕަލް ކުންފުނިން ހާމަކޮށްފި އެވެ.
އެޕަލްގެ ސީއީއޯ ޓިމް ކުކްއަށް ކަސްޓަމަރަކު ފޮނުވި އީމެއިލެއްގައި، އެ ކަސްޓަމަރު ވަނީ، އައިއޯއެސްގައި މަލްޓިޓާސްކް ކުރާ (އެއްފަހަރާ މަސައްކަތް ކުރާ) އެޕްލިކޭޝަންސް ނިއްވާލަން ޖެހޭތޯއާއި، އެ އެޕްތައް ނިއްވައި ނުލައިފި ނަމަ ބެޓެރީގެ ބާރަށް އަސަރު ކުރާނެތޯ ސުވާލު ކޮށްފަ އެވެ.
މި އީމެއިލުގެ ޖަވާބު ފޮނުވަމުން، އެޕަލްގެ ސީނިއަރ ވައިސް ޕްރެސިޑެންޓް ކްރެއިގް ފެޑެރިގީ ދެ ސުވާލުގެ ޖަވާބަށް ވެސް ބުނީ ނޫނެކޭ އެވެ.
ނަމަވެސް، މިއީ އެހެން ސްމާޓްފޯނު ކުންފުނިތަކުން އެ ކުންފުނިތަކުގެ ކަސްޓަމަރުންނަށް ދޭ އިރުޝާދާ މުޅިން ތަފާތު އިރުޝާދެކެވެ. މައިކްރޮސޮފްޓުން ނޮކިއާ ލޫމިއާ ކަސްޓަމަރުންނަށް ދޭ އިރުޝާދަކީ، ބެޓެރީގައި ޗާޖު ހުރި މިންވަރު ސަލާމަތް ކުރުމަށްޓަކައި، ބޭނުން ނުކުރާ އެޕްތައް ނިއްވާލާފައި ބެހެއްޓުމެވެ.
އަދި އެންޑްރޮއިޑް އޯއެސް އުފައްދާ ގޫގްލްއިން ވެސް، އެންޑްރޮއިޑް ޔޫޒަރުންނަށް އިރުޝާދު ދެނީ ބޭނުން ނުކުރާ އެޕްތައް ނިއްވާލުމަށެވެ. ނަމަވެސް މި މަސައްކަތް ކުރުމަށް ޑިވައިސް މެނޭޖަރ އެޕްއެއް ބޭނުންކުރާ ނަމަ އެކަމުން ވެސް ބެޓެރީގެ ޗާޖު ޑްރެއިން ކޮށްލާނެ ކަމަށް ބުނެ އެވެ.
އެޕަލް ޔޫޒަރުންވެސް ކަންތައް ކުރަނީ މިހެންނެވެ. އެހެން ނަމަވެސް އެޕަލްއިން ދޭ އިރުޝާދަކީ، ބްޓެރީގެ ބާރު ސަލާމަތް ކުރަން އެދޭ ނަމަ ބެކްގްރައުންޑް ރީފްރެޝް ކުރާ އެޕްތައް ޑިސްއޭބަލް ކުރުމެވެ.
މަސްދަރު: ބީބީސީ