11 Mar 2016, 22:17
އާސެނަލްގެ މިޑްފީލްޑަރު އާރޮން ރަމްސޭއަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަތަރު ހަފްތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.
ރަމްސޭއަށް އަނިޔާ ވެފައިވަނީ، އާސެނަލް އެންމެ ފަހުން އެފްއޭކަޕްގައި ހަލްސިޓީއާ ދެކޮޅަށް ކުޅުނުމެޗުގައެވެ.
އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި، މިދިޔަ އަންގާރަދުވަހު 4-0 ލަނޑުން ހަލް އަތުން އާސެނަލް މޮޅުވި މެޗުގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ މާކަ ގިނައިރެއް ނުވަނީސް، ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ ރަމްސޭއަށް ވަނީ މެޗު ދޫކޮށް ދާންޖެހިފައެވެ.
ރަމްސޭއަށް ދެމަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހި، ޔޫރޯ 2016އަށް އޭނާ ފިޓް ނުވުމުގެ ބިރު އޮތްކަމަށް ކުރިން ރިޕޯޓުތައް ފެތުރުނު ކަމުގައި ވީ ނަމަވެސް، އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ، އެންމެ ފަހުން ހެދި ރިޕޯޓުތަކުން އެނގިފައިވާ ގޮތުން، މިސީޒަންގައި ރަމްސޭ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
"ނޫން އަހަންނަކަށް ހިޔެއް ނުވޭ އޭނާ [ރަމްސޭ]އަށް އަދި މި ސީޒަން ނިމުނީހެނެއް،" ހުކުރު ދުވަހު މީޑިއާ އާ ވާހަކަ ދައްކަމުން ވެންގާ ބުންޏެވެ. "ޓެސްޓު ތައް ދައްކަނީ ހީކުރިވަރަށް ވުރެ ރަނގަޅަށް."
ވެންގާ ބުނީ، ޕްރިމިއަ ލީގުގައި މާދަމާރޭ ވެސްޓްބްރޮމްއާ ދެކޮޅަށް ކުޅޭ މެޗަށް ރަމްސޭ ފިޓްވާނޭ ކަމަށް ލަފާކުރެވުނު ނަމަވެސް، މިހާރު ގަބޫލު ކުރެވޭ ގޮތުގައި ހަތަރު ވަރަކަށް ހަފްތާއަށް އޭނާ ފަރުވާ ހޯދާން ޖެހޭނޭ ކަމަށެވެ.