11 Mar 2016, 21:27
އިނގިރޭސި ޕްރިމިއަ ލީގްގެ ކްލަބެއް ކަމަށްވާ ނިއުކާސަލް ޔުނައިޓެޑްގެ އާ ކޯޗަކަށް، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް، ސްޕެއިންގެ ރަފާ ބެނިޓޭޒް ހަމަޖައްސައިފިއެވެ.
ނިއުކާސަލްއިން ވަނީ، މި ސީޒަންގައި އެޓީމު ނެރެމުންދާ ދަށް ނަތީޖާ ތަކުގެ ސަބަބުން، އެޓީމަށް މި ސީޒަންގަައި ކޯޗުކޮށްދެމުން އައި ކުރިން އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކޯޗު ސްޓީވް މެކްލެރަން އެ މަގާމުން ވަކިކޮށްފައެވެ. އަދި އާ ކޯޗަކަށް ބެނިޓޭޒް ހަމަޖައްސާފައި ވަނީ، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންކަަމަށްވެސް އެ ކްލަބުން ބުނެފައި ވެއެވެ.
މިސީޒަންގެ ލީގުގައި ނިއުކާސަލް މިހާތަނަށް ކުޅުނު 28 މެޗުގެ ތެރެއިން އެޓީމް މޮޅުވެފައިވަނީ، އެންމެ ހަ މެޗުންނެވެ. ލީގުގައި އެޓީމަށް ބާކީ 10 މެޗު އޮތްއިރު، ލީގު ތާވަލްގައި 24 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ ފުލުން ދެވަނައިގައެވެ. އަދި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު، އަމިއްލަ ދަނޑުގައި ބޯންމަތު އާ ވާދަކޮށް 3-1 ލަނޑުން ބަލިވި މެޗަށްފަހު، އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން މެކްލެރަންއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.

ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ކޯޗު ސްޓީވް މެކްލެރަން -- ފޮޓޯ: އޭޕީ
ކުރިން ލިވަޕޫލް، ޗެލްސީ، އިންޓަމިލާން، އަދި ރެއާލް މެޑްރިޑަށްވެސް ކޯޗްކަން ކޮށްދީފައިވާ، ބެނިޓޭޒާ ހަވާޅުކުރެވިފައިވާ އެންމެ މުހިއްމު މަސައްކަތަކަށް ވާނީ، ލީގުގައި ބާކީ ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެ، ކުރިއަށް އޮތް ސީޒަންގައި ވެސް ނިއުކާސަލްއަށް ޕްރިމިއަ ލީގުން ޖާގައެއް ކަށަވަރުކޮށްދިނުމުގެ މަސައްކަތެވެ.
"އަހަރެން އުފަލާއެކު އިއުލާނުކުރަން، ބޮޑު ޗެލެންޖަކާއެކު މިސީޒަންގެ ޕްރިމިއަ ލީގުގެ ބާކީ އޮތްބައިގައި ފާހަގަކޮށްލެވޭ އިނގިރޭސި ކްލަބަކާ ހަވާލުވެފައިވާކަން،" ސީޒަންގެ މެދެއްހާ ހިސާބުން، ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިކޮށްފައިވާ ބެނިޓޭޒް އާ ހަވާލާދީ ނިއުކާސަލްއިން ބުނެފައިވެއެވެ.
ބެނިޓޭޒް ބުނީ، މި ސީޒަންގައި ނިއުކާސަލް ޕްރިމިއަ ލީގުން ރެލިގޭޓްވިޔަ ނުދީ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް، ކްލަބުގެ ހުރިހާ ގުނަވަނަކުންވެސް އެއް އަޒުމެއް ކަނޑައަޅައި އެއް މިސްރާބަކަށް ދަތުރުކުރާން ޖެހޭ ކަމަށާއި، އެކަމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"މިއީ ހަމައެކަނި، އަހަންނަށް އެކަނި އޮތް ޖެލެންޖެއް ނޫން، މިއީ އަހަރެންގެ ސްޓާފުންނާއި، ކުޅުންތެރީންނާއި އަދި ފޭނުންނަށް ވެސް އޮތް ޗެލެންޖެއް،" ބެނިޓޭޒް ބުންޏެވެ.
ނިއުކާސަލްގެ މެނޭޖިން ޑައިރެކްޓަރު ލީ ޗާންލީ ވިދާޅުވީ، ރަފާ އަކީ، ފާހަގަކޮށްލެވޭ ޓްރެކް-ރެކޯޑެއް އޮތް ކޯޗެއް ކަމަށާއި އެހެންކަމުން އޭނާއަށް ހުރިހާ ފަރާތްތަކުގެވެސް އެއްބާރުލުން ލިބޭނޭ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދި ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ކޯޗުންގެ ތެރޭގައި ހިމެނޭ، ރަފާގެ އިރުޝާދުގެ ދަށުން ނިއުކާސަލްއަށް މިސީޒަންގެ ބާކީ އޮތް ބައިގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނޭ ކަމާއެކު ޝައްކު ނުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ބެނިޓޭޒް ވަނީ، އެންމެ ކާމިޔާބު ބައެއް ކްލަބްތަކަށް މަތީފެންވަރުގެ މެޗުތަކުގައި ކޯޗުކަން ކޮށްދީފައި، އަދި މިހާރު އޭނާ އަހަރެމެންގެ ކޯޗަކަށް ހަމަޖެހުމުން ފަހުރުވެރިވޭ،" ލީ ޗާންލީ ވިދާޅުވިއެވެ.
ބެނިޓޭޒްގެ އިރުޝާދުގެ ދަށުން ނިއުކާސަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަ ކުޅެން ޖެހޭނީ ލީގުގެ އެއްވަނައިގައި އޮތް ލެސްޓާ ސިޓީއާ ދެކޮޅަށެވެ.
މި ސީޒަންގައި ނިއުކާސަލްއަށް ބާކީ ހުރި ލީގު މެޗުތައް:
14 މާރިޗް: ލެސްޓާ ސިޓީ (އަވޭ)
- 20 މާރިޗް: ސަންޑަލޭންޑް (ހޯމް)
- 2 އޭޕްރީލް: ނޯވިޗް ސިޓީ (އަވޭ)
- 9 އޭޕްރީލް: ސައުތެމްޓަން (އަވޭ)
- 16 އޭޕްރީލް: ސުވާންޒީ ސިޓީ (ހޯމް)
- 23 އޭޕްރީލް:ލިވަޕޫލް (އަވޭ)
- 30 އޭޕްރީލް: ކްރިސްޓަލް ޕެލަސް (ހޯމް)
- 7 މޭ: އެސްޓަން ވިލާ (އަވޭ)
- 15 މޭ: ޓޮޓްންހަމް ހޮޓްސްޕާ (ހޯމް)
- އެންމެ ފަހު މެޗުގައި ބައްދަކުލުކުރާނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް.