ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކު ސަލާމް ބުނެގެން އޭނާގެ މުސާރައިން އުނިކުރި ފައިސާ އަލުން އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން އަމުރުކޮށްފި އެވެ.

ޓްރައިބިއުނަލް އިން އިއްޔެ އެ އަމުރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަސް ދުވަހެއްގައި ވަޒީފާއަށް ސަލާމް ބުނެގެން މުސާރައިން ކެނޑި 250 ރުފިޔާ ހޯދުމަށް، ފިޝަރީޒް މިނިސްޓްރީގެ އެސިސްޓަންޓް ޕުރޮޖެކްޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި ސ. ހިތަދޫ، ހުސައިން ޒަމީލް އެ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.

ޓްރައިބިއުނަލް އިން ކުރި އަމުރުގައި ވަނީ ޒަމީލްގެ މުސާރައިން ކަނޑާފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނުގެ 54 ވަނަ މާއްދާއާއި ހިލާފަށް ކަމަށެވެ.

އެހެންކަމުން އެ މުވައްޒަފު ސަލާމް ބުނެގެން އޭނާގެ މުސާރައިން އުނިކޮށްފައިވާ 250ރ. ދެ ހަފުތާ ތެރޭގައި އޭނާ އަށް އަނބުރާ ދިނުމަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ.

ސަލާމް ބުނެގެން ސާވިސް އެލަވަންސުން އުނި ކުރާ ގޮތަށް އޮތް މާއްދާ ކޯޓުން ބާތިލް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.

އަދި އެ ދުވަހުގެ ކުރިން މުސާރައިން އުނި ކުރި ފައިސާ ދިނުމަށް ޓްރައިބިއުނަލުން އަމުރުކޮށްފައި މިވަނީ، އެދުވަހުގެ ކުރިން އުނިކުރި ފައިސާ ދޭން ނުޖެހޭނެ ކަމަށް އޭޖީ އޮފީހުން ބުނެފައި ވަނިކޮށެވެ. ނަމަވެސް ސަރުކާރުން އެކަމާ މެދު އަދި ރަސްމީކޮށް ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.

ސިވިލްސާވިސް މުވައްޒަފުން ސަލާމުގައި ހުންނަ ދުވަސްތަކުގައި ސާވިން އެލަވަންސުން އުނިކުރަންޖެހޭނެ ކަމަށް ސިވިލް ސާވިސްގެ ގަވާއިދުގައި ބުނާ މާއްދާ ހައިކޯޓުން ބާތިލު ކުރުމަށް ފަހު ކުރި ހުކުމުގައި ބުނެފަައި ވަނީ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚުތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއްކުރުމުގެ ހައްގު ލިބިގެންވާކަމަށެވެ.

އަދި އެމާއްދާގެ (ރ) ގައި، ކޮންމެ މީހަކަށްމެ އުޖޫރައާއެކު ލިބޭ ޗުއްޓީ ކަނޑައެޅިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

ގާނޫނުއަސާސީގެ އެ މާއްދާގައި ބަޔާންކުރާ ފަދައިން ވަޒީފާއަދާކުރާ މުވައްޒަފުންނަށް ހައްގުވާ ޗުއްޓީތަކަކީ ކޮބައިކަން ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންވެގެން އޮންނަކަމަށާއި އެއީ ބަލިވެގެން ސަލާމް ބުނުމުގެ ޗުއްޓީއާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީއާއި މަޔަކަށް ނުވަތަ ބަފަޔަކަށްވުމުން ލިބޭ ޗުއްޓީއާއި އާއިލީ ޒިންމާގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމުންދެވޭ ޗުއްޓީއާއި ޚިތާނުކުރުމާ ގުޅިގެންދޭ ޗުއްޓީ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.