11 Mar 2016, 20:00
ހއ. މާރަންދޫގެ ދެ ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެއްޗާއެކު 66 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
އިއްޔެގެ އޮޕަރޭޝަނުގައި މާރަންދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާ ދިރިއުޅެމުންދާ ގޭތެރެއިން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކާއި ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ހަތް ދުވަސް ވަނީ ދީފަ އެވެ.
ފަހަކަށް އައިސް ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އެކި ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ހައްޔަރު ކުރަމުންނެވެ.