އިދިކޮޅު އެމްޑީޕީ އިން "ވަގު ޔަގީން"ގެ ނަމުގައި މިއަދު މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުން ނިންމާލި ފަހުން ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހިނގި ހަމަނުޖެހުމުގެ ތެރެއިން މަހްލޫފު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހަކަށް ހަމަލާ ދިނުމުން ކަމަށެވެ.

މަހްލޫފު ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރުމުން، އޭނާ ވަނީ މިސްކިތަކަށް އަރައި ފިލަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ މިސްކިތުން މަހްލޫފު ނެރެ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މެމްބަރު މަހްލޫފު މިސްކިތެއްގެ ތެރޭގައި. ފުލުހަކު އޭނާއާ ވާހަކަދެއްކުމަށް މަސައްކަތްކުރަނީ -- ޓްވިޓާ ފޮޓޯ: އެމްޑިޕީ

އެންމެ ފަހުން އެމްޑީޕީ އިން ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިންވެސް މަހްލޫފު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފަ އެވެ.

ގައުމީ ދިދަ ހިފައިގެން ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީ އިން ކުރިއަށް ގެންދިޔަ ހިނގާލުން ނިންމާލި ފަހުން ފުލުހުންނާ ހިނގާލުމުގެ ބައިވެރިންގެ މެދުގައި ވަނީ ކޮންވެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާފަ އެވެ.

ްއެގޮތުން ފުލުހުން ވަނީ އެއްވުމުގައި ޕެޕަރ ސްޕްރޭ ބޭނުންކޮށްފަ އެވެ.