މެރީޑިއަމް ކުންފުންޏާ އެސްޓީއޯ އާ ދެމެދު ތެޔޮ ދޫކުރަން އެއްބަސްވި ކްރެޑިޓް ލިމިޓަށް އެސްޓީއޯ އިން ބަދަލު ގެނެސްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

އެސްޓީއޯ އިން ވަނީ ކްރެޑިޓަށް ތެޔޮ ނެގުމަށްފަހު ފައިސާ ނުދައްކާ ކަމަށް ބުނެ، 19.3 މިލިއަން ރުފިޔާ ހޯދުމަށް މެރީޑިއަމް ސާވިސަސްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފަ އެވެ. ނަމަވެސް މެރީޑިއަމް އިން ވަނީ ދެ ކުންފުނީގެ ދެމެދު ވެފައިވާ ކްރެޑިޓް ލިމިޓް އެއްބަސްވުމާ ހިލާފަށް، އެ ލިމިޓް ކުޑަކޮށްފައިވާ ކަމަށާއި، އެހެންކަމުން އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.

އެއްބަސްވުމުގައި އޮތް 20 މިލިއަން ރުފިޔާގެ ކްރެޑިޓް ލިމިޓް، 2010 ވަނަ އަހަރު ވަނީ 10 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. އަދި 40 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ގޮތަށް އޮތް ނަމަވެސް ފަހުން ވަނީ އެ މުއްދަތުވެސް 30 ދުވަހަށް ކުޑަކޮށްފަ އެވެ.

އެމައްސަލަ ކޯޓަށް ވެއްދުމުން ދަށު ކޯޓުންނާއި ހައި ކޯޓުންވެސް މައްސަލަ ނިންމީ މެރީޑިއަމް ކުންފުންޏާ ދެކޮޅަށެވެ. ނަމަވެސް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސުޕްރީމު ކޯޓުން ވަނީ އެ ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިންމާފަ އެވެ.

ސުޕްރީމު ކޯޓުގެ ހުކުމްގައި ވަނީ އެސްޓީއޯ އިން އެއްބަސްވުމަށް ބަދަލު ގެނައީ މެރީޑިއަމާ މަޝްވަރާ ކުރުމެއް ނެތި، އެކުންފުނީގެ ރުހުމެއްވެސް ނެތި ކަމަށެވެ. އަދި އެއްބަސްވުމަށް ބަދަލު ގެނެސްފައި ވަނީ އެފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށްވެސް ހުކުމްގައިވެ އެވެ.

އެހެންކަމުން ކުރިން އެއްބަސްވުން އޮތް ގޮތަށް ދެމެހެއްޓުމަށް އެސްޓީއޯއަށް ވަނީ އަންގާފަ އެވެ.

އެސްޓީއޯ އިން އެއްބަސްވުމަށް ބަދަލު ގެނައީ ރަނގަޅަށް ނޫން ކަމަށް ކަނޑައެޅީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.