އެއް ދުވަހެއްގައި، އެކެއްގެ ބަނޑުން އުފަންވި އެއްމާބަނޑު ދެބެންގެ ބައްޕަ އަކީ ތަފާތު ދެމީހެއްކަން ހާމަވެއްޖެ އެވެ.

ވިއެޓްނާމުގައި ފެންމަތިވި ކޭސް އަކީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ފެނިފައި ނެތް، އަދި އެފަދަ ގޮތަކަށް ކަންތައް ދިމާވުމުގެ ފުރުސަތު އިންތިހާއަށް ކުޑަ ކަމެކެވެ.

އެ ކޭސް އަކީ ވިއެޓްނާމުގައި މިހާތަނަށް ފެނުނު އޭގެ ފުރަތަމަ ކޭސް ކަމަށް ހަބަރުތައް ބުނެ އެވެ.

އެ ދެކުދިންނަކީ "ބައި ޕޭރެންޓަލް" ކުދިން ކަމަށް މިހާރު ވަނީ ނިންމާފަ އެވެ. މާނަ އަކީ ދެކުދިންގެ ބައްޕަ ތަފާތުވުމެވެ. 2011 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފެނިފައި ވަނީ އެކަހަލަ އެންމެ ހަތް ކޭސް އެވެ.

ވިއެޓްނާމުގެ ނޫހަކުން ބުނެފައި ވަނީ އެއްމާބަނޑު ދެބެންގެ ބައްޕަ ތަފާތުކަން އެނގުނީ، ދެކުދިން ތަފާތު ކަމުން ހެދި ޑީއެންއޭ ޓެސްޓަކުންނެވެ. ދެ އަހަރުގެ އެއް ޖިންސުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އިސްތަށިގަނޑު ބޯވެފައި ފަންކޮށް އޮންނަ އިރު، އަނެއް ކުއްޖާއަށް ލިބިފައިވަނީ ތުނި، ރާޅުބާނި އިސްތަށިގަނޑެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނަމަވެސް އެ ދެކުދިންގެ މާ ގިނަ މައުލޫމާތެއް މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.

އާއިލާއާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، އެންމެ ފުރަތަމަ ހީކުރީ، ދެކުދިން އުފަންވި ދުވަހު ހޮސްޕިޓަލު ތެރެއިން ކުއްޖާ އޮޅުނީ ކަމަށެވެ. ނަމަވެސް ޑީއެންއޭ ޓެސްޓުން، ދެ ކުދިންގެވެސް މަންމައަކީ އެކަކުކަން ވަނީ އެނގިފަ އެވެ. ނަމަވެސް ބައްޕަ ތަފާތެވެ.

އަންހެނަކު އޮވިއުލޭޓް ވާ ދުވަސްވަރުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ތަފާތު ދެ ފިރިހެނުންނާ އެކު ޖިންސީ ގުޅުން ހިނގައިފި ނަމަ "ބައި ޕޭރެންޓަލް" ކުދިން އުފަންވުމުގެ ފުރުސަތު އޮންނަ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

އެގޮތުން އެއް މަހެއްގައި ދެ ބިސް އުފެދި، ދެ ފިރިހެނެއްގެ ދަރިފަނި ދެ ބިސް ފަރޓިލައިޒް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.