އދ. ގެ މަޖިލިސް (މާޗް 11): ސޫރިޔާގެ ބިންތައް އެގައުމުގެ ރައްޔިތުން ކަމުގައިވާ ސުންނީންނާއި ޝިޔައީންނާއި ކުރުދީންނާ އަދި ދުރުޒީންނަށް ބަހާލުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރަމުން ގެންދާކަމަށް އދ. ގައި ތިއްބަވާ ޑިޕްލޮމޭޓުން ވިދާޅުވެއްޖެއެވެ.

މިފަރާތްތަކާ ޙަވާލާދީ ރޮއިޓާސް ބުނާގޮތުން ސޫރިޔާ ބަހާލަނީ މަޛްހަބީ ނަސްލީ އަދި ތާއިފީ ކަންކަމަށް ރިޢާޔަތްކޮށްގެން އިއްތިޙާދީ ދައުލަތެއްގެ ގޮތުގައެވެ. ސޫރިޔާގެ އިއްތިޙާދީ ދައުލަތުގައި ވެރިކަން ކުރާނީ ސުންނީންނާއި ޝިޔައީންނާއި ކުރުދީންނާ އަދި ދުރުޒީންގެ ސަރަހައްދުތަކުން އިންތިޚާބުކުރާ ރިޔާސީ މަޖިލީހަކުން ކަމަށް ހެދުމުގެވިސްނުންވެސް ބޮޑެތި ބާރުތަކުން ގެންގުޅޭކަމަށް ޑިޕްލޮމޭޓުން ވިދާޅުވިއެވެ.

މިއީ ޔޫރަޕްގެ އިއްތިޙާދީ ގައުމެއް ކަމަށްވާ ސްވިސްޓްޒަލޭންޑްގައިވެސް ވެރިކަމުގެ ނިޒާމު އޮންނަގޮތެވެ. ސޫރިޔާ އިއްތިޙާދީ ދައުލަތަކަށް ހަދަނީ އެގައުމުގެ ރައްޔިތުންގެ މެދުގައި ނަސްލީ މަޛްހަބީ އަދި ތާއިފީ ބައިބައިވުންތައް ބޮޑުކަމުން ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި މިހުރިހާ ފަރާތްތަކެއްގެ ހައްގުތައް ހިމާޔަތްކޮށްގެން ދިރިއުޅެވެން ނެތުމުގެ ސަބަބުންކަމަށް ވެއެވެ.

ސޫރިޔާގައި ދާޚިލީ ހަނގުރާމަ ހިނގަމުންދާތާ މިހާރު 5 އަހަރު ވެފައިވާއިރު މިކަމުގެ ސަބަބުން އެގައުމުގެ ނަސްލުތަކާއި މަޛްހަބުތަކާއި ދަރިކޮޅުތަކުގެ މީހުންގެ މެދުގައިވަނީ ބޮޑު އަދާވާތްތެރިކަމެއް އުފެދި ކުރިން ދިރިއުޅެމުން ދިޔަ ގޮތަށް (ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ދިރިނޫޅެވޭވަރުވެފައި) ކަމަށް ބޮޑެތި ބާރުތައް ދެކެއެވެ.

ސޫރިޔާ އިއްތިޙާދީ ދައުލަތަކަށް ހެދުމުން އެގައުމުގެ ކޮންމެ ދަރިކޮޅެއްގެ އަދި ކޮންމެ މަޛްހަބެއްގެ ބަޔަކަށްވެސް ވަކި ދައުލަތެއްގެ ގޮތުގައި ބޮޑެތި ބާރުތަކެއް ލިބިގެން އެބައެއްގެ ގޮތުގައި މިނިވަންކަމުގައި އުޅެވޭނެ ކަމަށާއި ބޭރާ ގުޅޭކަންކަމާއި ދިފާއީ ކަންކަމުގައި މެނުވީ މައި ސަރުކާރުގެ ބާރު އެގައުމުގައި އުފައްދާ ދާޚިލީ މިނިވަންކަން ލިބިފައިވާ ދައުލަތްތަކަށް ނުހިނގާނެކަމަށްވެސް ޑިޕްލޮމޭޓުން ބުނެއެވެ.

ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ބިނާކުރަނީ މިއަސާސްތަކުގެ މައްޗަށް ކަމަށާއި މިގޮތަށް ސޫރިޔާގެ ދަސްތޫރު ބަދަލުކުރުމުގެ ކުރިން އެގައުމުގައި 18 މަސްދުވަހުގެ އިންތިގާލީ ސަރުކާރެއް އެކުލަވާލުމުގެ ވިސްނުން ގެންގުޅޭކަމަށް ވެއެވެ. މިހުރިހާ ކަމަކަށް އެއްބަސްވެވޭނީ މިމަހުގެ ސާދަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

މިވާހަކަތަކުގައި ބައިވެރިވާނެ ކަމުގެ ގެރެންޓީ ސޫރިޔާ ސަރުކާރުންވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް މިހާތަނަށް ދީފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)