ދިވެހިރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު އެއް ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ސެމްސަންގް ކުންފުނީގެ ގެލެކްސީ ސީރީޒްގެ ފޯނުތަކުގެ އެންމެ ފަހުން ނެރުމަށް ހަމަޖެހިފައިވާ "އެސް ސެވަން" އަދި "އެސް ސެވަން އެޖް" ފޯނުގެ ޕްރީއޯޑަރުގެ ފުރުސަތު ހުޅުވާލައި އިންސްޓޯލްމަންޓަށް ފޯނު ނެގޭ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އިމްޖާދް ޖަލީލް މިއަދު ސަން އަށް ވިދާޅުވީ، ޕްރީއޯޑަރ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި، ޕްރިއޯޑަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފޯނުތަކަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، އެއް ފަހަރާ ފައިސާ ދެއްކުމުގެ އިތުރުން އިންސްޓޯލްމަންޓަށް ފޯނު ނެގޭ ޕެކޭޖެއްވެސް ވަނީ ތައާރަފު ކޮށްފަ އެވެ.

އިމްޖާދު ވިދާޅުވީ، އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ގޮތަށް ޕެކޭޖެއް ތައާރަފު ކުރީ ހުރިހާ ކަސްޓަމަރުންނަަކީ އެއް ފަހަރާ ފައިސާ ދެއްކޭނެ ފަރާތްތަކަށް ނުވާތީ ހުރިހާ ކަސްޓަމަރުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"ފޯނު ލޯންޗުވެގެން ދާއިރު، ބޭނުންވީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެ ދުވަހުން ދުވަހަށް ބޭނުންވާ ފަރާތްތަކަށް ފޯނު ފޯރުކޮށްދޭން. އެހެންވީމަ ޕްރީ އޯޑަރ މި ފެއްޓީ. ޕްރީ އޯޑަރ ފެއްޓީމަ ފައިދާ އަކީ ހުރިހާ ބޭފުޅުންނަށް އެއްފަހަރާ ފައިސާ ދައްކާފައި ފޯނު ހޯއްދަވަން ދަތިވާނެ. އެބޭފުޅުންނަށް އިންސްޓްލޯމަންޓު ބޭސިސް އަށްވެސް ފޯނު ހޯދަން މިއޮތީ ފުރުސަތު ހުޅުވިފައި،" އިމްޖާދު ވިދާޅުވި އެވެ.

އިންސްޓޯލްމަންޓަށް ފޯނު ނަގާ ފަރާތްތަކުން ފައިސާ ދެއްކުމަށް ދީފައި ވަނީ އަހަރު ދުވަހުގެ މުއްދަތެވެ. ކޮންމެ ނަންބަރަކަށްވެސް ޕްރީއޯޑަރު ކުރެވޭނީ ގިނަވެގެން ދެ ފޯނަށް ކަމަށް ދިރާގުން ބުނެ އެވެ.

އެސް ސެވަން ސީރީޒްގައި ހިމެނެނީ ކަޅު ކުލައާއި، ރަން ކުލަ އަދި ރިހި ކުލައިގެ ފޯނެވެ. އެގޮތުން ގެލެކްސީ އެސް7 ވިއްކުމަށް ހަމަޖެހިފައިވަނީ 11،499 ރުފިޔާއަށެވެ. އަދި އެޖް ވިއްކުމަށް ހަމަޖެހިފައިވަނީ 13,499 ރުފިޔާއަށެވެ.

އިމްޖާދު ވިދާޅުވީ، މިފަހަރުވެސް އެސް ސެވަންގެ ފޯނުތައް، ދުނިޔޭގެ ބާޒާރަށް ނެރޭ ދުވަހު، ރާއްޖޭގައިވެސް ފޯނުތައް ލޯންޗުކުރެވިގެންދާނެ ކަމަށެވެ. އިމްޖާދު ވިދާޅުވީ، ޕްރީއޯޑަރު ނަގާ ހުރިހާ ފަރާތްތަކަށް ފޯނު ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެސް ސެވަން އަޅުގަނޑުމެން ސެމްސަންގް އާ ގުޅިގެން މި ނިންމީ ރާއްޖެއަށް ބައިނަލްއަގުވާމީ ލޯންޗު ޑޭޓުގައި ލޯންޗުކުރަން މި ނިންމީ. އެހެންވީމާ އިރާދަކުރެއްވިއްޔާ އެ ދުވަހު ލޯންޗުވެގެން ދާނެ." އިމްޖާދު ވިދާޅުވި އެވެ.

އެސް ސެވަން ސީރީޒްގެ ފޯނު ރާއްޖޭގައި ލޯންޗު ކުރުމަށް ނިންމާފައި ވަނީ މާޗު 18 ގައެވެ.

އެސް ސެވަންގެ ފޯނު ތަކަކީ ގިނަ ވަގުތު ބެޓެރި ހިފަހައްޓާ، ވޯޓާ ޕްރޫފް ފޯނުތަކެކެވެ. އެ ދެ ފޯނު ވެސް ވަޔަލެސްކޮށް ޗާޖު ކުރެވޭ އިރު ފޯނު އޮން ކުރުމަކާ ނުލައި، އަބަދުވެސް ގަޑިއާ ކަލަންޑަރު އަދި މުހިންމު ނޮޓިފިކޭޝަންތައް ސްކްރީނުން ފެންނަން ހުންނާނެ އެވެ.

ދިރާގުން ވަނީ އެޕަލް ކުންފުނީގެ އައިފޯން 6 އަދި 6 އެސްގެ ފޯނުތައްވެސް، ލޯންޗު ކުރި ރަސްމީ ތާރީހުގައި ރާއްޖޭގައި އެ އުފެއްދުންތައް ލޯންޗުކޮށްފަ އެވެ.

އެއީ ދިވެހި ތާރީހުގައިވެސް އެޕަލް ކުންފުނީގެ އުފެއްދުމެއް ލޯންޗްކުރާ ރަސްމީ ތާރީހެއްގައި ރާއްޖޭގައި ވެސް އެ އުފެއްދުމެއް ރަސްމީކޮށް ލޯންޗް ކުރެވުނު ފުރަތަމަ ފަހަރެވެ.

ސެމްސަންގްގެ ރާއްޖޭގެ ނޭޝަނަލް ޑިސްޓިރިބިއުޓަރ އަކީ ހައިކް މޯލްޑިވްސްއެވެ. ހައިކް އިން ޕްރީ އޯޑަރު ކުރުމަށް ހުޅުވާލި ފުރުސަތު އިއްޔެ ވަނީ ހަމަވެފަ އެވެ.