11 Mar 2016, 13:28
ދޮގު ހަބަރުތަކާއި ދޮގު ވާހަކަތައް މީސްތަކުންގެ މެދުގައި ފެތުރުމަކީ މީހަކު މެރުމަށް ވުރެ ނުބައި ކަމެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ދޮގު ހަބަރާ ވާހަކަތައް ފެތުރުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދުގެ ހުތުބާގައި ބުނެފައި ވަނީ ދޮގު ވާހަކަތައް ފެތުރުމަކީ އެކަމުގެ ސަބަބުން މީސްތަކުންނަށް ހައްގު އޮޅުވާލައި އަދި މީސްތަކުން ހަމަ މަގުން އެއްކިބާ ކުރުވާނެ ކަމެއް ކަމަށެވެ.
"އެ ކަމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އުފެދޭތީ އެވެ." ހުތުބާގައިވެ އެވެ.
މުޖުތަމައު ފަސާދަ ކުރުމަށްޓަކައި ރަނގަޅު މަގަށް ހުރަސް އެޅުމަށް ނުބައިމީހުން ބޭނުންކުރާ އެންމެ ނުބައި އެއް ވަސީލަތަކީ ދޮގު ވާހަކައާ ދޮގު ހަބަރުތައް ފެތުރުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
އަދި ސޯޝަލް މީޑިއާ އާއި މީޑިއާ މެދުވެރިކޮށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދުނިޔޭގައިވާ ކަންކަން އެކި ހިސާބުތަކަށް ފޯރާ ޒަމާނެއްގައި ދޮގު ހަބަރު ފެތުރުމުގެ ނުރައްކާތެރިކަން ބޮޑުވެފައިވާކަން ވަނީ ހުތުބާގައި ފާހަގަކޮށްފަ އެވެ.
އޭގެ އިތުރުން ފެތުރޭ ދޮގު ވާހަކަތައް ތެދު ކުރުމަކީ މުޖުތަމައުއަށާއި އާންމު ފަރުދުންނަށްވެސް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
ހަމައެއާއެކު، ދޮގު ހަބަރާ ވާހަކަތައް ފަތުރާ މީހާއަކީ މުޖުތަމައުގައި ހިމެނޭ ވިހަ ގުނަވަނެއް ކަމަށާއި އޭނާ އަކީ ދޭތެރެ ޖެއްސުމާ ދެބައޮޑުވުމުގެ ސިފަ އަށަގެންފައިވާ މީހެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި ދޮގު ވާހަކަތައް ފަތުރާ މީހާ އެ ހިންގަނީ އިސްލާމްދީނާ ގައުމުގެ ހައްގުގައި ބޮޑު ޖަރީމާއެއް ކަމަށްވެސް ބުނެފައިވެ އެވެ.
"އެއީ މުޖުމަތައުގެ އަމްނުގެ ހައްގުގައި ބޮޑު ޖަރީމާއެކެވެ. އަދި އެއީ އޭނާގެ ދީނުގެ ހައްގުގައިވެސް ޖަރީމާއެކެވެ. އޭނާގެ އަމާޒަކީ މުޖުތަމައުގެ އަމާންކަން ނަގާލުން ކަމަށް ވާތީ އެވެ. މުޖުތަމައުގެ އެއްބަނޑު އެއްބަފާކަން ނައްތާލަން އެހީވާތީ އެވެ. އެއީ ގައުމުގެ ވަހުދަތު ނައްތައިލުމެވެ،" ޚުތުބާގައި ވެއެވެ.
އެހެންކަމުން ހަބަރެއް ނުވަތަ ވާހަކައެއް އިވުމުން، ފުރަތަމަ އޭގެ ހަގީގަތް ހޯދުމަށާއި، ދޮގު ހަބަރުތައް އަޑު ނޭހުމަށާ، ތިމާއަށް ހަގީގަތް ނޭނގޭ ވާހަކަތައް އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފަ އެވެ.