އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބަހެއްގެ ތެރޭގައި، 28 އަހަރުގެ އަންހެނަކު ރޭޕުކޮށް އޭނާގެ 14 ދުވަހުގެ ފިރިހެން ދަރިފުޅު މަރާލައިފި އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައި ވަނީ، އަންހެން މީހާއަށް ހަމަލާދީ ރޭޕްކޮށްލާފައި ވަނީ ބަސް ދުއްވަން އިން ޑްރައިވަރާއި، ބަސް ކޮންޑަކްޓަރު ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ އަންހެން މީހާއަށް ގަދަކަމުން ބަނގުރާ ދީފައިވާ ކަމަށާއި، އަދި ތުއްތު ދަރިފުޅު ބަހުގެ ތެރެއަށް "ހޫރާލާފައި"ވާ ކަމަށެވެ. ކުއްޖާ މަރުވެފައި ވަނީ ބަހުގެ ތެރެއަށް އެއްލާލުމުން ލިބުނު އަނިޔާގެ ސަބަބުން ކަމަށް ބެލެވެ އެވެ.

އަންހެން މީހާ ރޭޕުކޮށް، ތުއްތު ކުއްޖަކު މަރާލިއިރު، އެ މަންޒަރު ފެނިފައި ވަނީ އަންހެން މީހާގެ އަންހެން ދަރިފުޅަށެވެ. އެކުއްޖާ އޭރު އިނީ ބަހުގެ ގޮނޑިބަރިއެއްގެ ފަހަތަށް ވަދެ ފިލާކަމަށް ހަަބަރުތައް ބުނެ އެވެ.

ރޭޕުގެ ޝިކާރައަކަށްވި އަންހެން މީހާއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އޭނާ ދަރިންނާ އެކު ބަހަށް އެރީ ދަރިފުޅު ބަލިވެ އުޅޭތީ ތާންތުރިކަކަށް (ބަލި ރަނގަޅު ކުރުމުގެ ގާބިލުކަން ހުންނަ ކަމަށް ހިންދޫ ދީނުގެ މީހުން ގަބޫލުކުރާ ބައެއް) ދެއްކުމަށް ދަނިކޮށް ކަމަށެވެ.

އަދި އޭނާއަށް ދެ ފިރިހެނުން ހަމަލާ ދިނީ އެނބުރި ރާމްޕޫރަށް ދަނިކޮށް، ބަސް ސްޓޭޝަންގައި އޮތް ބަހެއްގެ ތެރޭގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ހަބަރުތައް ބުނާގޮތުން، ރޭޕް ކުރުމަށްފަހު އަންހެން މީހާ އަދި ފިރިހެން ކުއްޖާގެ ހަށިގަނޑު ބަހުން ނެރެ، މަގުމައްޗަށް ވަނީ އެއްލާލާފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަންހެން މީހާ އާއި ދެ ދަރިން މަގުމަތީގައި ތިއްބާ ފެނިފައި ވަނީ އޭނާގެ ފިރިމީހާ އަށެވެ.

އެ މައްސަލައިގައި ބަސް ޑްރައިވަރު އަދި ބަސް ކޮންޑަކްޓަރު ހައްޔަރުކޮށް، ރޭޕު ކުރުމާ ތުއްތު ކުއްޖަކު މަރާލުމުގެ ދައުވާ ވަނީ އުފުލާފަ އެވެ.

ރޭޕްގެ އެ ހާދިސާ ފެންމަތިވެފައި މިވަނީ އިންޑިއާގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކޮށް އޭނާގެ ގައިގައި އަލިފާން ރޯކޮށްލައި މަރާލި ފަހުން ހަފްތާއެއްވެސް ނުވަނީހެވެ.

އިންޑިއާ އަކީ ނިސްބަތުން ރޭޕު ކުރުމުގެ މައްސަލަތައް ގިނަ ގައުމެކެވެ.