11 Mar 2016, 10:06
މެންޗެސްޓާ ސިޓީއާ އެކު ހަދާފައިވާ އެއްބަސް ވުން ހަމަވުމުން އެ ޓީމް ދޫކޮށްލާނެ ކަމަށް ފޯވާޑް ސާޖިއޯ އަގުއެރޯ ބުނެފިއެވެ.
އާޖެންޓީނާގެ ރޭޑިއޯ ސްޓޭޝަނަކަށް ދިން އިންޓަވިއުއެއްގައި އަގުއެރޯ ބުނީ، ސިޓީއާއެކު އިތުރު ކޮންޓްރެކްޓެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެނބުރި ގައުމަށް އައިސް އޭނާ ފުރަތަމަ ކުޅުނު ކުލަބު އިންޑިޕެންޑެންޓް އަށް ކުޅެން ބޭނުންވާ ކަމަށެވެ.
'ސިޓީގެ މެނޭޖްމަންޓަށް ވެސް އިނގޭނެ އަހަރެން ބޭނުންވަނީ އެއްބަސް ވުން ހަމަވުމުން އެނބުރި ގައުމަށް ދާން ކަން. އެކަމަކަށް އެއްވެސް ހުރަހެއް ނެތް. މި މުއްދަތުގެ ތެރޭގައި ސިޓީ ދޫކޮށްލާކަށް ނުވިސްނަން،" އަގުއެރޯ ބުންޏެވެ.
އާޖެންޓީނާގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ އުމުރުން 27 އަހަރުގެ އަގުއެރޯ ބުނީ، 2018 ގައި ކޮންޓްރެކްޓް ހަމަވުމުން އޭނާ އެނބުރި ގައުމަށް ދާނެ ކަން އޭނާގެ އާއިލާ އަށް ވެސް އިނގޭނެ ކަމަށާއި އެމީހުން ވެސް ބޭނުން ވަނީ އެގޮތް ކަމަށެވެ.
އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު 38 މިލިއަން ޕައުންޑްގެ ޓްރާނަސްފާ ފީ އަކަށް ސިޓީއާ ގުޅުނު ފަހުން އަގުއެރޯ ވަނީ އެ ޓީމަށް 128 ގޯލު ކާމިޔާބް ކޮށްދީފައެވެ.