26 Apr 2011, 17:30
ފުރަތަމަ ކޮމިއުނިޓީ ކެބިނެޓް، އަންނަ މެއި މަހުގެ 12ވާ ބުރާސްފަތި ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޮމިއުނިޓީ ކެބިނެޓް ބޭއްވެވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައި، އެކަން އެގޮތަށް ނިންމެވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
"ކޮމިއުނިޓީ ކެބިނެޓަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުން ދިރިއުޅޭ އެކިސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުން ކުރައްވާ ސުވާލުތަކަށް މަޖިލީހުގެ މެންބަރުން ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި ބާއްވަވާ ބައްދަލުވުންތަކެކެވެ. އަދި މިއީ އެބައްދަލުވުމެއް ބާއްވަވާ ސަރަޙައްދެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރްޞަތު ހުޅުވާލައިގެން ބާއްވަވާ ބައްދަލުވުމެކެވެ. އެހެންކަމުން، އައްޑޫސިޓީގައި މި ބާއްވަވާ ކޮމިއުނިޓީ ކެބިނެޓް، އައްޑުއަތޮޅާއި ފުވައްމުލަކު ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވެވުމަށް ނިންމެވިއެވެ. އަދި ކޮމިއުނިޓީ ކެބިނެޓް ބޭއްވެވުމަށްޓަކައި އިދާރީ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް، ގައުމީ އިދާރާތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިވަޑައިގެން ކުރެއްވުމަށްވެސް ނިންމެވިއެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އައްޑޫ ސިޓީގައި ބާއްވާ ކޮމިއުނިޓީ ކެބިނެޓްގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނެ ކަންތައްތަކާއި، އަދި ރައްޔިތުން ވަޒީރުންނަށް ދަންނަވަން ބޭނުންވާ ސުވާލުތައް ދެންނެވުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.