މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެލީ ގޯލްޑިންގ، ލަވަކިޔުމުގެ ދާއިރާއިން ބްރޭކެއް ނެގުމަށް ނިންމާފައިވާކަން ހާމަކޮށްފި އެވެ.

އެލީ އޭނާގެ މަސައްކަތުން ބްރޭކެއް ނެގުމަށް ނިންމި އިރު، ދާދި ފަހުން އޭނާ ވަނީ އޭނާގެ މިދިޔަ ދެ އަހަރުގެ ލޯބިވެރިޔާ، މެކްފްލައި ބޭންޑުގެ ބޭސިސްޓް ޑޯގީ ޕޯއިންޓަރއާ އެކު އޮތް ގުޅުން ކަނޑާލައިފަ އެވެ.

އިނގިރޭސި ވިލާތުގެ "ދަ ސަން" ނޫހާއި ވާހަކަ ދައްކަމުން، 29 އަހަރުގެ އެލީ ބުނީ އާންމުން ދެކޭ ގޮތުގައި އެމީހުންގެ މެދުގައި މަޝްހޫރު މީހުންނަށް ދިރިއުޅުމަކީ ފަސޭހަ، އަދި ދަތި ކަންކަމާ ކުރިމަތިލާން ނުޖެހޭ މީހުން ކަމަށެވެ.

"އެކަމަކު މިއީ އެކަން އޮތް ގޮތެއް ނޫން. އަހަރެން މިހާރު މީހަކާއި ގުޅިގެނެއް ނޫން މި އުޅެނީ. ވަރަށް އުނދަގޫ. މިވަގުތު ބްރޭކެއް ނެގުމަކީ އަހަރެންނަށާއި އަހަރެންގެ ސިކުނޑިއަށް ވެސް އެންމެ ފަސޭހަ ވާނެ ގޮތް،" އެލީ ބުންޏެވެ.

އެލީއާއި އޭނާގެ ކުރީގެ ލޯބިވެރިޔާ މީގެ ކުރިން ވަނީ ދަރިއަކު ހޯދުމާއި މެދު ވެސް ވާހަކަ ދައްކައިފަ އެވެ. އަދި ކައިވެނީގެ ވާހަކަ ވެސް ދެކެވެމުން ދިޔަ އެވެ.

ނަމަވެސް ފިފްޓީ ޝޭޑްސް އޮފް ގްރޭގެ "ލަވް މީ ލައިކް ޔޫ ޑޫ" ލަވައިން އިވިގެންދާ އަޑުގެ ވެރިޔާއާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު އޮތް ގުޅުން ހީނަރުވާން ފެށީ، ދެ ތަރީންގެ ވެސް ޝެޑިއުލް ބިޒީވެ، އެކަކު އަނެކަކަށް ވަގުތު ދެވޭ މިންވަރު މަދުވަމުން ދިޔުމުގެ ސަބަބުންނެވެ.

އެލީ ބުނާ ގޮތުގައި، އޭނާ މިއުޒިކު އެއްކޮށް ހުއްޓާލީކީ ނޫނެވެ. އޭނާ އަދި އެނބުރި އަންނާނެ އެވެ. ނަމަވެސް މި ވަގުތަށް އޭނާގެ ބޯ ހަމަޖައްސައިލަން އޭނާ އެދެނީ މަސައްކަތާ ދުރުވެލުމަށެވެ.

މަސްދަރު:ދަ ސަން