އެންޑްރޮއިޑްގެ އާ އޮޕަރޭޓިންގ ސިސްޓަމް "އެންޑްރޮއިޑް އެން"ގެ އަޖުމަ ބެލުމަށް، އެ އޯއެސްގެ ބީޓާ ސޮފްޓްވެއާ ބައެއް ޔޫޒަރުންނަށް ދޫކުރަން ފަށައިފި އެވެ.

ގޫގްލްއިން ބުނީ، ތާވަލު ކޮށްފައިވާ ތާރީޚަށް ވުރެ އަވަހަށް އެންޑްރޮއިޑް އެންގެ ބީޓާ ސޮފްޓްވެއާ ރިލީޒްކުރީ، އޭގެ އަޖުމަ ބެލުމަށް ފަހު ފޯނު މެނުފެކްޗަރުންނަށް އަވަހަށް ސޮފްޓްވެއާގެ ފައިނަލް ވާޝަން ދޫކުރުމަށް ކަމަށެވެ.

އެންޑްރޮއިޑްގެ ސީނިއާ ވައިސް ޕްރެސިޑެންޓް ބުނި ގޮތުގައި، މި މަހު އެންޑްރޮއިޑް އެންގެ ބީޓާ ރިލީޒް ކުރެވި، ޔޫޒަރުންގެ ފީޑްބެކަށް ބެލުމަށް ފަހު ގެންނަންޖެހޭ ބަދަލެއް ގެނެސް، މިއަހަރުގެ ހޫނު މޫސުމުގެ ތެރޭގައި މި ސޮފްޓްވެއާ އާންމުކޮށް ދޫކުރެވޭނެ އެވެ.

އެންޑްރޮއިޑް ސޮފްޓްވެއާތަކަށް މީގެ ކުރިން ނަން ދެވިފައި ވަނީ ފޮނި ކާތަކެތީގެ ނަމުންނެވެ. އެގޮތުން ޖެލީބީން، ލޮލީޕޮޕް އަދި މާޝްމެލޯ ފަދަ ނަން ނަން ބޭނުންކުރެވިފައި ވެ އެވެ. އެންޑްރޮއިޑް "އެން" އަށް ދެވޭނެ ނަމަކީ،ޕާނުގައި ޖަހައިގެން ކެއުމަށް ގިނަ ބަޔަކަށް މަގްބޫލު ޗޮކްލެޓް އަދި ހެޒެލްނަޓް ކްރީމް "ނިއުޓެއްލާ"ކަމަށް ބެލެވެ އެވެ.

ކޮންމެއަކަސް، އެންޑްރޮއިޑް ނިއުޓެއްލާގެ ބީޓާ ސޮފްޓްވެއާ ދޫކުރެވިފައިވާ އިރު، މި ސޮފްޓްވެއާގެ ޚާއްސަ ސިފައަކީ، ފޯނުން އެއްފަހަރާ ދެ އެޕްލިކޭޝަން ބޭނުންކުރުމަށް ސްޕްލިޓް ސްކްރީން މަލްޓިޓާސްކިންގ ބޭނުންކުރެވޭނެ ކަމެވެ. މިފަދަ ފީޗަރއެއް ވިންޑޯސް 10 އޯއެސްއާއި، އައިއޯއެސް ގައި މިހާރުވެސް ހުރެ އެވެ.

މީގެ އިތުރުން އެއް އެޕްގައިވާ މައުލޫމާތު އަނެއް އެޕްއަށް ކޮޕީ ކޮށްލުމުގެ ފަންކްޝަން ތައާރަފު ކުރެވި، ނޯޓިފިކޭޝަން އެލާޓް އަންނަ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، ބެޓެރީގެ ބާރު ކުރިޔަށް ވުރެ ވަރުގަދަ ކުރުމަށް ޚާއްސަ ފީޗަރތަކެއް ހިމެނިފައި ވާނެ އެވެ.

މަސްދަރު:ބީބީސީ