ބާސްކެޓް ބޯލް އެސޯސިއޭޝަނުން ބާއްވާ ދެވަނަ އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީރެކްސް އެކަޑެމީން ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ޓީރެކްސް އެކަޑަމީން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ދަ ގްރޭންޑް އަމިގޯސް ނިއު ޖެނެރާޝަން (ދަ ގޭންގް) އާ ވާދަކޮށް 48 ޕޮއިންޓް 45 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ ފާތިމަތު ރިޝްމާ އެވެ. އޭނާ ވަނީ މި މެޗުގައި ޓީރެކްސް އަށް 19 ޕޮއިންޓް ހޯދައިދީފަ އެވެ.

އެ މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ މަގާމަށް ދަ ގޭންގުގެ އާމިނަތު ޝިއުރާ ހޮވުނު އިރު، އޭނާ ވަނީ އެ ޓީމަށް ޖުމްލަ 71 ޕޮއިންޓް ހޯދާފަ އެވެ. އަދި އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ވެސް ހޮވުނީ ޝިއުރާ އެވެ. މީގެ އިތުރުން ބެސްޓް އޮފެންސިވް ކުޅުންތެރިއަކަށް ޓީރެކްސްގެ ނަޝްފާ އާމިރާ ހޮވުނު އިރު، ބެސްޓް ޕޮއިންޓް ގާޑަކަށް ހޮވުނީ އެ ޓީމުގެ ޝިޒްނާ ރަޝީދެވެ. އަދި އެ މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ޓީރެކްސްގެ ފާތިމަތު ރިޝްމާ ހޮވުނު އިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެ ޓީމުގެ ކޯޗު އަލީ ސޮފީހު ސާމިރެވެ.

މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ މުބާރާތުގެ އަންހެން ޑިވިޝަނުގައި ހަތަރު ޓީމް ވާދަކުރާ އިރު ފިރިހެން ޑިވިޝަނުގައި 12 ޓީމް ވާދަކުރެ އެވެ.

ފިރިހެން އެއް ވަނަ ޑިވިޝަން މި މަހުގެ 13 ވަނަ ދުވަހު ފަށުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި ހަރިކޭން އާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާނެ އެވެ.