ދުވަހު ނޫސް 'ހަވީރު' އިން ހޮވާ އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް މާޒިޔާގެ އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް ލިބުނުއިރު މޮޅު ކޯޗުގެ އެވޯޑް އަލީ ސުޒޭން އަށް ލިބިއްޖެއެވެ.

ކޮންމެ އަހަރަކުވެސް 'ހަވީރު'ން ބާއްވަމުން އަންނަ 'ހަވީރު ސްޕޯޓްސް' އެވޯޑްގެ މިއަހަރު ކުރުނބާ އައިލެންޑް ރިސޯޓްގެ ކޮންފަރެންސް ހޯލުގައި ބޭއްވި އިރު އެ ޚަފްލާގައި ފުޓްބޯޅައިގެ އިތުރުން ދެން އެވޯޑް ދީފައި ވަނީ ބާސްކެޓް ބޯޅަ އާއި ވޮލީ ބޯޅައިގެ ފާހަގަ ކޮށްލެވޭ ފަރާތްތަކަށެވެ.

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް އަސައްކޮ ހޯދި އިރު އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި 15 ގޯލު ޖަހައިގެން ރަންބޫޓް ވެސް ހޯދާފައެވެ. ދެ ވަނަ ކުޅުންތެރި އަކަށް ހޮވުނީ މިދިޔަ އަހަރި ނިއުރޭޑިއަންޓަށް ކުޅުނު އަސްއަދު އަލީ(އަޑުބަރޭ) އެވެ. އަދި ތިން ވަނަ އަހުމަދު ނާޝިދު ހޯދި އިރު އެ ތިން ކުޅުންތެރިން ވެސް މިއަހަރުގެ ސީޒަނުގައި ފެނިގެން ދާނީ މާޒިޔާ އިންނެވެ. އެންމެ އުއްމިދީ ފުޓްބޯޅަ ކުޅުންތެރިޔަގެ އެވޯޑް ނިއުރޭޑިއަންޓްގެ ޒުވާން ފޯވާޑް ހަމްޒާ ރަޝީދު(ހަމްޕް) އަށް ވަނި ލިބިފައެވެ.

އެ ހްފްލާގައި ކުޅިވަރުގެ ދާއިރާއިން މުޅި އަހަރު ތެރޭގައި އެންމެ އާދަޔާ ހިލާފު ކާމިޔާބީތައް ހޯދި މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެޕްރިސިއޭޝަން އެވޯޑެއް ދެ ފަރާތަކަށް ދީފައިވާއިރު އެ އެވޯޑް ލިބުނީ މާލެ ވަށައި 24 ގަޑިއިރު ދުވި އަހުމަދު އާތިފް އާއި ކަޓަމަރާންގައި ރާއްޖެ ވަށައި ބުރުޖެހި ކުޅަދާނަ ސެއިލާ އަބްދުލްޣަފޫރު އަލީ (ގައްބެ) އަށެވެ.

އެޚްފްލާގައި ހޮވި އަހަރުގެ އެންމެ މޮޅު ފިރިހެން ބާސްކެޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް ރަޝްވާން އިބްރާހިމް (ޗިކު) ހޮވުނުއިރު އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް ލިބުނީ އައިމިނަތު ޝިއުރާ އަށެވެ.

އަހަރުގެ އެންމެ މޮޅު ފިިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހޯދި އިރު އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ އެ މަގާމު މިދިޔަ އަހަރު ވެސް ހޯދި ހައްވާ ރާޝިދާއެވެ.

ހަވީރުންދޭ އަގުވަޒަންކުރުމުގެ ހާއްސަ އެވޯޑް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަށްދީފައިވާ އިރު އޭނާ އަށް އެއެވީޑް ދިނީ ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްއަކުން ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ހޯދައިދީ މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 100 މީޓަރާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައި މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދީފައިވާތީއެވެ.

ކުޅިވަރުގެ ދާއިރާއިން ހިދުމަތްކުރުމުގެ އެވޯޑް އުމަރު ޒާހިރަށް ދިން އިރު އޭނާ ވަނީ ކުޅިވަރަށާއި ޒުވާނުންގެ ތަރުބިއްޔަތާއި ކުރިއެރުވިމަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.

ހަވީރު ސްޕޯޓްސް އެވޯޑްސް އަކީ 1994 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ފުޓްބޯޅާގައި އެންމެ ގިނަ ގޯލު ޖަހައިގެން ދޭ ރަންބޫޓުން ފެށި އެ އެވޯޑް މިހާރު ވަނީ ފުޅާކޮށް ތިން ކުޅިވަރަކުން ފާހަގަ ކޮށްލެވޭ ފަރާތް ތަކަށް ދެމުންނެވެ.