11 Mar 2016, 14:00
ތައިލޭންޑްގެ ކުންފުންޏެއް ކަމުގައިވާ އެސްސީޖީގެ އުފެއްދުންތަކާ އެކު ނަލަހިޔާ ޓްރޭޑިން އިން "ކޮންޑެކޯ"ގެ ނަމުގައި މުޅިން އާ ޝޯރޫމެއް ރޭ މާލޭގައި ހުޅުވައިފި އެވެ.
އެ ޝޯރޫމަކީ އެސްސީޖީގެ އުފެއްދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު އެކަށީގެންވާ އަގެއްގައި ފޯރުކޮށްދިނުމުގެ މަގްސަދުގައި ނަލަހިޔާ ޓްރޭޑިން އިން ހުޅުވާފައިވާ ޝޯރޫމެކެވެ. މަޖީދީމަގު ނަލަހިޔާ ހޮޓެލްގެ ގްރައުންޑް ފްލޯގައި ހުންނަ އެ ޝޯރޫމް ރޭ ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ކޮންޑެކޯ ޝޯރޫމް އިން ލިބެންހުރި ތަކެތީގެ ތެރޭގައި ރާއްޖެ އަށް މުޅިން އަލަށް ތައާރަފުކުރި އެސްސީޖީ ސިމެންތި، ރޫފިން، އެކްސެލާ، ސީލިން އެންޑް ވޯލް އަދި އެކި ކަންތައްތަކަށް ބޭނުންކުރެވޭ ސްމާޓް ބޯޑް އަދި ސްމާޓް ވުޑް ލިބެން ހުރެ އެވެ.
އެ ސްމާޓް ބޯޑާއި ސްމާޓް ވުޑަކީ އާންމުކޮށް ބާޒާރުގައި ލިބެން ހުރި ސްމާޓް ބޯޑުތަކާ ހިލާފަށް، ފެނުގެ އަސަރު ކުރިޔަސް ރަތް ނުވާ އަދި ރާއްޖޭގެ މޫސުމަށް އެންމެ އެކަށޭނަ ގޮތަށް އެސްސީޖީން އުފައްދާފައިވާ އުފެއްދުންތަކެކެވެ. އެ އުފެއްދުމަކީ ގެދޮރު ޒީނަތްތެރި ކުރުމަށާއި ރިސޯޓް އިމާރާތްކުރުމަށް ބޭނުންކުރެވޭނެ ތަކެތި ކަމަށް ނަލަހިޔާ އިން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ ކުންފުނިތަކުން ބޭރުގެ އެފަދަ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުން އެފަދަ ޝޯރޫމްތައް ހުޅުވާތީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެސް އަދި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އާންމުންނަށް ވެސް އޭގެ ފައިދާ ވަރަށް ރަނގަޅަށް ލިބިދޭ ކަމަށެވެ.
އެސްސީޖީއަކީ ތައިލޭންޑްގެ އެންމެ ބޮޑު އެންމެ ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ އެއް ކުންފުންޏެވެ. އެ ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައި އިމާރާތް ކުރުމުގެ ސާމާނު އުފައްދާ ކުންފުންޏެކެވެ. އެސްސީޖީގެ އުފެއްދުންތައް ދިވެހިރާއްޖޭގައި ވިއްކާ ހަމައެކަނި އޮތޮރައިޒްޑް ކުންފުންޏަކީ ނަލަހިޔާ އެވެ.
ނަލަހިޔާ އިން ވިއްކާ އެސްސީޖީގެ ހުރިހާ އުފެއްދުމެއް ކޮންޑެކޯއިން ލިބެން ހުންނާނެ އެވެ. އެސްސީޖީއަކީ 103 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކާމިޔާބު ކުންފުންޏެކެވެ.