އައްޑޫ ސިޓީގެ ހިތަދޫގައި ވިޔަފާރިވެރިޔަކު މަރާލި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ އައްޑޫ ވިޔަފާރިވެރިޔާގެ މަރުގެ މައްސަލާގައި 20 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު މިހާރުވެސް ފުލުހުންގެ ބަންދުގައި އެބަހުއްޓެވެ. އެއީ އެންމެ ފުރަތަމަ އެ މައްސަލާގައި ހައްޔަރުުރި 24 އަހަރުގެ ދިވެހި ފިރިހެނަކާއި އިއްޔެ ފުލުހުން ހައްޔަރުކޮށްފައވާ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެ މައްސަލާގައި އިއްޔެ އައްޑޫ ސިޓީގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މަރާލުމަށްފަހު ޗަސްބިމަކަށް އެއްލާލާފައި އޮއްވައި ފެނިފައި ވަނީ ސ. ހިތަދޫ، ބުރުނީގެ އަބްދުﷲ އަލީ އެވެ.

އޭނާ އަކީ ހިތަދޫ ޓޫވޭވް ފިހާރައިގެ ވެރިޔާއެވެ. އޭނާ ދަންވަރު ނިދަނީ ވެސް އެ ފިހާރައިގެ ތެރޭގަ އެވެ. އޭނާ ގެއްލިގެން ހޯދީ ފަތިހު ގެއަށް ނައުމުންނާއި، ހެނދުނު ފިހާރަ ހުޅުވަން ބެލިއިރު ފިހާރަ ފަޅާލާފައި ހުރުމުންނެވެ.

ފުލުހުން ބުނީ އަލީ ފެނިފައި ވަނީ މާރިޗު ދެ ވަނަ ދުވަހު އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އެދުވަހު ހެނދުނު 8:50 ކަންހާއިރު ހިތަދޫ ސްކޫލާދިމާގައި އޮތް އަލައޮޅެއްގެ ތެރެއިން ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.

އަލީގެ އާއިލާއިން ބުނީ އޭނާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރި ކަމަށެވެ.