10 Mar 2016, 19:33
އެމްއެންޑީއެފްގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހްމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ދެ ބޮޑީގާޑުން ކަމުގައިވާ ސާޖަންޓު ހަސަން ރިކާޒާއި ކޯޕްރަލް އަހްމަދު އާމިރުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެ ތިން މީހުންގެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މިހަފްތާގެ ތެރޭގައެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފައެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބޮޑީގާޑެއްގެ ގޮތުގައި އުޅުނު އަހްމަދު އާމިރު މިއަދު ފުލުހުންގެ ބެލުމުގެ ދަށުގައި ---- ސަން ފޮޓޯ: ފަޔާޒު މޫސާ
ފުލުހުން އެމީހުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެއެވެ. އޭގެތެރޭގައި ހަތިޔާރު އުފެއްދުމާއި ހަތިޔާރު ގެންގުޅުމާއި އެއްތަނުން އަނެއްތަނަށް ހަތިޔާރު ގެންދިޔުމާއި މީހުން މަރަން ރޭވުމާއި ޓެރަރިޒަމްގެ ތުހުމަތު ހިމެނެއެވެ.
އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައިގެ ތަފްސީލު އަދި ނުލިބެއެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބޮޑީގާޑެއްގެ ގޮތުގައި އުޅުނު ހަސަން ރިކާޒު މިއަދު ފުލުހުންގެ ބެލުމުގެ ދަށުގައި ---- ސަން ފޮޓޯ: ފަޔާޒު މޫސާ
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ސިފައިންގެ ބަންދުގައި ގިނަ ދުވަސްތަކެއްވަންދެން ބޭތިއްބުމަށްފަހު ދޫކޮށްލުމުންނެވެ.