މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދައުލަތަށް ވެފައިވާ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ އެންމެ ފައިސާއެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހްލޫފު ވިދާޅުވީ، ހިޔާނާތުގެ އެއްވެސް ފައިސާއަކާ އޭނާއާ ގުޅުމެއް ނެތް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އިއްޔެ މަޖިލީހަށް ހުށަހެޅުނު ގަރާރަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ވަނީ މަހްލޫފުގެ ބޮލުގައި ބޮޑެތި ވައްކަމުގެ ތުހުމަތު ތަކެއް އަޅުވާފަ އެވެ. އެގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވަނީ އެމްއެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާގެ 60 ޕަސެންޓު "ކައިލީ" މަހްލޫފު ކަމަށް ވިދާޅުވެފަ އެވެ.

"އެމްއެމްޕީއާރުސީގެ ތެރެއިން އެއްވެސް ކަހަލަ ހިޔާނާތެއްގެ ފައިސާއެއްގައި އަޅުގަނޑު ޖެހިފައެއް ވެސް ނޯންނާނެ. އަޅުގަނޑާ ގުޅުމެއްވެސް ނެތް. އެއީ ހަމަ ސީދާ ރައީސް ޔާމީން އިސްވެ ހުންނަވައި އަދީބު ލައްވައި ރައީސް ޔާމީނަށް އެނގިގެން ކޮށްފައިވާ ބޮޑު ވައްކަމެއް. މިއީ ވަރަށް ސާފު ކަމެއް،" މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފަހުން، އޭނާއަށް ދިން ހަމައެކަނި ފައިސާއަކީ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ދެއްވި 30،000 ޑޮލަރު (462،600 ރުފިޔާ) ކަމަށެވެ. މަހްލޫފު ވިދާޅުވީ އެ ފައިސާގެ ތަފްސީލް މާލީ ބަޔާނުގައި ވެސް ހިމަނާފައި ވާނެ ކަމަށެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު މުހައްމަދު އިސްމާއީލް ވަނީ އެމްޑީޕީގެ މެމްބަރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އެނގޭ ކަމަށާއި "އެ ފައިސާ ގޯނި" ހިފައިގެން މެމްބަރުންގެ އަރިހަށް ވަޑައިގަތީ އޭނާ ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރާ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.

ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމުގެ ހިތްވަރު އޭސީސީގައި ނެތް ކަމަށް މަހްލޫފު މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ވަރަށް ބާރަށް އަޑަށް ބާރުލާފައި ގޮވާލަން ބޭނުން، މައްސަލަ ތަހުގީގު ކުރައްވާށޭ. އެކަމަކު އެ ދެއްކެވި ވާހަކަ އެކަންޏެއް ނޫން. އަޅުގަނޑުމެން ވެސް ޕޯޑިއަމްތަކުގައްޔާއި މަޖިލީހުގައި އެކި ތުހުމަތުތައް ކުރަމުން މި ދަނީ. އެ ވާހަކަތައް ވެސް ތަހުގީގު ކުރައްވާށޭ،" މަހްލޫފް ވިދާޅުވި އެވެ.

"ހިޔާނާތުގެ ފައިސާ ގޯނި" މަހްލޫފާ ހަމައަށް އައިސްފައި ނުވާ ކަމަށާއި، ނަމަވެސް މެމްބަރު މުހައްމަދު އިސްމާއިލް ދެއްކެވި ވާހަކަ ގަބޫލުކުރައްވާ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ފައިސާގައި ޖެހުނު މެމްބަރުންގެ ނަންތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް ވަރަށް ތާއީދު ކުރައްވާކަން ވެސް މަހްލޫފް ހާމަކުރެއްވި އެވެ.

މަހްލޫފު ވިދާޅުވީ އެފަދަ ވާހަކަތައް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަށް ދެއްކެނީ ޕްރެޝަރުގެ ސަބަބުން ކަމަށެވެ.

"މަޖިލީހުގަ ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުން ތިބީ ހަމަ ރޫޅިފައި. ރޫޅިގެން ފުނޑުފުނޑުވެގެން ބިންމައްޗަށް ފައިބާ ހިސާބުގައި. މީގެ އެންމެ ބޮޑު ކުޅިވަރު ހިނގާނީ "މަޖިލީހުގެ] ސައި ކޮޓަރީގައި،" މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ އޭނާއާ ގުޅުވައިގެން ވަކިވަކި މެމްބަރުން ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް، ވަކި ވަކި މެމްބަރުންނާ ދިމާކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ހިޔާނާތުގެ އަޑީގައި ހުންނެވީ ރައީސް ޔާމީނު ކަމަށާއި އެހެންކަމުން މައިގަނޑު "ޓާގެޓަކީ" ރައީސް ޔާމީނު ކަމަށެވެ.