އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އުތުރުން ދެކުނަށް އެޅުމަށް ކަނޑައަޅާފައިވާ ފައިބާ އޮޕްޓިކް ސަބްމެރިން ކޭބަލް އެޅުމަށްޓަކައި އެފްޝޯ މެރިން ސާވޭއެއް މިއަދު ފަށައިފި އެވެ.

އުރީދޫ އިން ސަބްމެރިން ކޭބަލް އަޅަނީ ހުއާވޭ މެރިން 100ޖީ ޓެކްނޮލޮޖީ މެދިވެރިކޮށެވެ. އެގޮތުން 1200 ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިގެންދާގޮތަށް އަޅާ ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން ރާއްޖޭގެ އިންޓަނެޓްގެ ހިދުމަތުގެ ފެންވަރަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އެ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ އޮފްޝޯ މެރިން ސާވޭ ކުރަނީ އެމްވީ ޑިއުކް ނަމަކަށް ކިޔާ، ސާވޭކުރާ އުޅަނދެއްގެ އެހީގަ އެވެ. އެގޮތުން އެ އުޅަނދުގައި ގާއިމްކޮށްފައިވާ ހާއްސަ ސާވޭ ލެބޯޓަރީއެއް މެދުވެރިކޮށް، ބޯޓުގައި ތިބެގެން ޑޭޓާ ޕްރޮސެސްކޮށް ވަރަށް އަވަހަށް ރިޕޯޓް ލިބޭނެކަމަށް އުރީދޫ އިން ބުނެއެވެ.

ހުއާވޭ މެރިން އިން ރާއްޖޭގެ މާހައުލަށް އެކަށޭނަ ގޮތަށް ތައްޔާރުކުރާ ސަބްމެރިން ކޭބަލްއެއް ފަރުމާކުރުމުގެ ކުރިން ބޭނުންވާނެ މައުލޫމާތު އެއްކުރުމަށްޓަކައި، އެމްވީ ޑިއުކް ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ސާވޭ ކުރުމަށް މިއަދު މާލެ ސަރަހައްދުން ފުރާފަ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫ އަށް ރާއްޖޭގެ އިންޓަނެޓް ސާވިސް ޕްރޮވައިޑާއެއްގެ ލައިސަންސް ލިބުމާއެކު އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދިނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވެސް އެދެވިގެންވާ ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެހެންކަމުން އުރީދޫ އިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލް އެއް އަޅައި މިއަދުގެ ޑިޖިޓަލް ދުނިޔޭގެ ފައިދާތަކާއި ފުރުސަތުތައް ރައްޔިތުންނަށް އެންމެ ފުރިހަމަ ކަމާއެކު ގެނެސްދިނުމަށް ކަމަށެވެ.

އުރީދޫ އިން ބުނީ ނޭޝަންވައިޑް ސަބްމެރިން ކޭބަލް ފަރުމާކުރެވުމާ އެކު މިއަހަރުގެ މެދުތެރޭގައި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.