ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް މި މަހުގެ 15ގެ ކުރިން ދައުވާ އުފުލޭނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުގެ މިދިއަ އަހަރުގެ އަހަރީ ރިޕޯޓު އާންމު ކުރުމަށް މިއަދު ޕީޖީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޕީޖީ ބިސާމް ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅުގެ މައްސަލައާ ގުޅުން ހުރި މައްސަލަތަކުގެ ދިރާސާ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ބޮޑީގާޑެއްގެ ފަރާތުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފަ އެވެ. އެ މައްސަލަ ބެލުމަށް ރައީސް ޔާމީން އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، އެއީ ސީދާ ރައީސް ޔާމީން އަވާހަރަކޮށްލަންދީފައިވާ ހަމަލާއެއް ކަމަށެވެ. އުމަރު ވިދާޅުވީ، ލޯންޗުކޮޅުގެ ހާދިސާގައި އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ހެކިތައް އެބަހުރި ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ޕީޖީއަށް އޮވޭތޯ ނޫސްވެރިއަކު އެހުމުން ޕީޖީ ބިސާމް ވިދާޅުވީ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައި އެކަމަނާ މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައި މަސައްކަތް ކުރާ މީހެއް ނޫން. އަޅުގަނޑަކަށް ނުފޫޒެއް ނުފޯރުވޭނެ. އަޅުގަނޑު ޖެހިލުމެއް ނުވާނެ އަޅުގަނޑުގެ މަގާމުން ވަކިކުރިއެއް ކަމަކު އަޅުގަނޑު ވަކި މީހެއްގެ ނުފޫޒަށް ނުލެބިނގެން،" ޕީޖީ ބިސާމް ވިދާޅުވި އެވެ.

ޕީޖީ އޮފީހުގައި މިދިއަ އަހަރު މަސައްކަތް ހިނގާ ދިޔަގޮތާއި، ދައުވާކުރެވުނު މައްސަލަތަކުގެ ތަފްސީލު މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވަނީ ހާމަކޮށްފަ އެވެ.