ކުޅިވަރު ސްކޮލާޝިޕްތަކުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ހަރަދު އެޑިޔުކޭޝަނުން ދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަމަޖައްސައިފި އެވެ.

އެކަން ހާމަކުރައްވައި އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް އެ މިނިސްޓްރީގެ ފަރާތުން އެހީ ދެއްވާނީ އެ ކުދިންގެ 'އޯ' ލެވެލް އާއި 'އޭ' ލެވެލް ނިމެންދެން ކަމަށާއި އެއަށް ފަހު މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ލޯން ސްކީމް ދިނުމަށް ނިއްމަވާފައިވާ ކަމަށެވެ.

"އެ ސްކޮލަޝިޕްގެ ދަށުން އެޑިޔުކޭޝަނުން ހަރަދު ކުރުމަށް ނިންމާފައިވާ ތިން ދާއިރާއަކީ އެތުލެޓިކްސް އާއި ބެޑްމިންޓަން އަދި ފުޓްބޯލް. ނަމަވެސް ކުރިއަށް އޮތް ތާނގައި ކުޅިވަރިތައް އިތުރުވެގެން ވެސް ދާނެ،" އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އޮލިމްޕިކް ކޮމެޓީގެ ފަރާތުން ރާއްޖޭން ބޭރުގައި ތަމްރީންތައް ފުރިހަމަ ކުރަމުންދާ ދަރިވަރުންނަށް އެ މިނިސްޓްރީގެ ފަރާތުން ޔުނިވަސިޓީއާ ގުޅުމަށް އެހީތެރިވެދޭނެ ކަމަށާއި ކުރިއަށް އޮތްތާނގައި އެސޯސިއޭޝަންތަކާއި އޮލިމްޕިކް ކޮމެޓީ އާއި ގުޅުގެން ސްކޮލަޝިޕްގެ މަސަތްކަތް ގެންދިއުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހާތަނަށް 15 ދަރިވަރަކަށް ސްކޮލަޝިޕްގެ ފުރުސަތު ދީފައިވާއިރު އޭގެ ތެރެއިން 12 ދަރިވަރަކީ ކުޅިވަރާ ބެހޭ ގައުމީ ޖަމިއްޔާގެ އިރުޝާދުގެ ދަށުން އަތޮޅުތަކުން ހޮވާލެވިގެން މާލޭގައި ތަމްރީން ހަދަމުންދާ ދަރިވަރުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • ލ. މާވަށު ސްކޫލްގެ 4 ދަރިވަރުން

  • ކ. އަތޮޅު މަދަރުސާގެ ދަރިވަރެއް
  • ނ. ހޮޅުދޫ މޭނާ ސްކޫލްގެ 2 ދަރިވަރެއް
  • މ އަތޮޅު މަދަރުސާގެ ދަރިވަރެއް
  • ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރެއް
  • ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެއް
  • ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ދަރިވަރުން ތެރޭގައި ހިމެނެނީ ފުޓްބޯޅައިން ފަސް ދަރިވަރަކާއި ބެޑްމިންޓަން އިން ތިން ދަރިވަރުންގެ އިތުރުން އެތުލެޓިކްސް އިން ހަތަރު ދަރިވަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ގައުމީ ފެންވަރުގެ ކުޅިވަރު އެވޯޑްއެއް ވެސް ދެމުންނެވެ.