ކިޑްނީއާއި ބްލެޑާގައި އުފެދޭ ހިލަ ލޭޒާ ބޭނުންކޮށްގެން ގޮއްވާލައިގެން ނައްތައިލުމުގެ ފަރުވާ އޭޑީކޭ ހޮސްޕިޓަލުން ދޭން ފަށައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ލޭޒާ މެދުވެރިކޮށް، ހިލަ ނައްތައިލުމުގެ ފަރުވާ ފުރަތަމަ ފަހަރަށް އިއްޔެ އެ ހޮސްޕިޓަލުގައި ދީފައިވާ ކަމަށެވެ.

"މުޅިން އާ އަދި ޒަމާނީ ޔޫރޯ ސާޖަރީއެއް އަޅުގަނޑުމެން މިހާރު މިތައާރަފްކުރީ އޭޑީކޭ ހޮސްޕިޓަލުގައި. އެއީ ލޭޒާ މެދުވެރިކޮށް، އެއްވެސް ކަހަލަ ފެޅުމެއް ނެތި، ކިޑްނީ އަދި ބްލެޑާގައި އުފެދޭ ހިލަ ގޮއްވައިލެވޭ ސާޖަރީއެއް. މިކަމަކީ މިހައިތަނާ ޖެހެންދެން ވެސް ހަމަ ރާއްޖޭން ބޭރުން ގާތްގަނޑަކަށް ހަމަ ހުރިހާ ފަރާތްތަކުން ވެސް ހިދުމަތް ހޯއްދަވަމުން ގެންދެވި ކަމެއް،" އަފްއާލު ވިދާޅުވި އެވެ.

ރާއްޖެ އަށް މުޅިން އަލަށް ތައާރަފްކުރި އެހިދުމަތާ ބެހޭ ގޮތުން ތަފުސީލުކޮށް ވާހަކަ ދައްކަވަމުން އޭޑީކޭގެ މެޑިކަލް އޮފިސަރު ޑރ. ޢަބުދުﷲ ނިއާފް ވިދާޅުވީ ލޭޒާ ފަރުވާ ދެނީ އެއްވެސް ތަނެއް ނުތޮރުފައި، ކުޑަކަމުދާ ހޮޅީގެ ތެރެއިން އެއްޗެއް ލައްވައިގެން ކަމަށެވެ.

"އަޅުގަނޑުމެން އިއްޔެ އެންމެ ފުރަތަމަ ،މިދެންނެވި ހާއްސަ އިކްއިޕްމެންޓް، އެއީ ލޭޒާއިން، ނުތޮރުފައި ކުޑަކަމުދާ ހޮޅި ތެރެއިން ލައްވައިގެން އެތެރެއަށް ގޮސް، ބްލެޑާ ތެރެއިން ވެސް ގޮސް، ކިޑްނީން ބްލެޑާއަށް އިންނަ ހޮޅިތެރެއިން ވެސް ގޮސް ކިޑްނީއާއި ހިސާބަށް ފޯރުވައިގެން ކިޑްނީ ތެރޭގައި އިންނަ ހިލައެއް ނައްތައިލާ ވާހަކަ މިދެންނެވީ،" ނިއާފް ވިދާޅުވި އެވެ.

އޭޑީކޭ އިން އަލަށް ތައާރަފް ކުރި އެ ހިދުމަތް އާސަންދައިން އަދި ކަވަރެއް ނުކުރެ އެވެ. އެހިދުމަތުގެ އަގު ހުންނާނީ 5000 ރުފިޔާއާއި 6000 ރުފިޔާއާ ދެމެދުގައި ކަމަށް އަފްއާލް ވިދާޅުވި އެވެ.

އޭޑީކޭގައި އެހިދުމަތް ގާއިމް ކުރުމަށް ފަސް މިލިޔަން ރުފިޔާ ހަރަދުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.