މަންދު ކޮލެޖްގައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިއްޔެ މެންދުރު ފަހު ކިޔަވުމުން ދަނިކޮށް، އެރޮބިކްސް ކުލާހެއް އެ ކޮލެޖުގައި ކުރި އަށް ގެންދިއުމުން ދަރިވަރުންގެ ކިޔެވުމަށް އުނދަގޫވެ، ބެލެނެވެރިން "ރަތަށް" އަރައިފި އެވެ.

އަރަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން ކިޔަވާ، ކުރީގެ އެމްއީއެސް އަދި މިހާރުގެ މަންދު ކޮލެޖްގައި "ހީޓު"ން އިއްޔެ ބޭއްވި އެރޮބިކްސް ކުލާސް ހަވީރު 4:15 އެހާކަންހާއިރުން ފެށިގެން ކުރިއަށް ދަނިކޮށް، ބެލެނިވެރިންތަކެއް މަންދު ކޮލެޖްގެ ތެރެއަށް ވަދެ، އެ އެރޮބިކްސް ކްލާސް ކުރިއަށް ގެންދިޔަ ހީޓްގެ އިސްވެރިނާ ކުރިމަތިލައި ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފަ އެވެ.

ދެ ފަރާތުން ބަހުގެ ހަމަލާ ދިން މަންޒަރު ދައްކުވައިދޭ ވީޑިއޯ ކްލިޕެއް ވަނީ ސަން އަށް ލިބިފަ އެވެ.

http://www.youtube.com/watch?v=ehaqLg8bO5I

އެ ވީޑިއޯގައި ބެލެނެވެރިން ބުނަމުން ދިޔައީ އަޑު ހަރުކޮށް ލަވަޖަހައިގެން އެރޮބިކްސް ކުލާސް ކުރިއަށް ގެންދިއުމުން ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ ކަމަށާއި އެ ކްލާސް ވަގުތުން ހުއްޓާލުމަށެވެ. ނަމަވެސް ހީޓުން އެކަމަށް އިންކާރު ކުރަމުން ދިޔަ އެވެ.

"އެންމެ ދުވަހަކަށް އަޅުގަނޑުމެން މިތަން ހިފާލައިގެން ކުރިއަށް ގެންދިއުމުން އުނދަގޫވޭތޯ؟ އިތުރު ޝަކުވާއެއް އޮތިއްޔާ (މަންދު ކޮލެޖްގެ) މެނޭޖުމަންޓަށް [ހުށަހަޅުއްވާ]،" ހީޓުގެ އިސް ވެރިޔަކު ވިދާޅުވެފައިވެ އެވެ.

މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް މިއަދު ވިދާޅުވީ އިއްޔެ އެ ކޮލެޖްގެ ހޯލްގައި އެރޮބިކްސް ކުލާހެއް ކުރިއަށް ގެންދިޔައީ ހީޓުން ކުއްޔަށްހިފައިގެން ކަމަށެވެ. އަދި ހީޓް އިން އެރޮބިކްސް ކުލާސް ކުރިއަށް ގެންދިޔަ އިރު، ވަރަށް ބޮޑަށް އަޑު ގަދަވުމުން ސްޓާފުން ފޮނުވައިގެން އަޑު މަޑުކުރުމަށް އެންގި ކަމަށެވެ.

"އެންމެ ދުވަހަކު އެތަން ބޭނުންކުރި ބަޔަކު އަދާޔާ ހިލާފަށް އަޑު ގަދަކުރުން އެއީ އާންމު އުސޫލުން ކަން ހިނގާގޮތެއް ނޫން. އަޅުގަނޑަށް މައުލޫމާތު ދިން އަޑު ގަދައޭ އަޑު މަޑުކުރަން އެންގީމޭ ސްޓާފަކު ބުނި. ދެން އަޅުގަނޑު އަބަދަކު ނުހުންނާނެ އަބަދަކު މިތާކު،" އިބްރާ ވިދާޅުވި އެވެ.

އިބްރާ މިއަދު ވިދާޅުވީ ސްކޫލުގައި އިއްޔެ އަޑު ގަދަވީ ހީޓުގެ އެރޮބިކްސް ކްލާހުން އެކަނި ނޫން ކަމަށާއި އިއްޔެ 3:30 އެހާކަންހާއިރު އަޑުގަދަ ކުރާ ބަހައްޓައިގެން އަރަބިއްޔާގެ ކުލާހަކުން އަޑު ހަރުކޮށް ގުރުއާން ކިޔަވަމުންދިޔަ ކަމަށާއި އެ ވަގުތު މުޅި ކޮލެޖްގައި ހުރީ އެ އަޑު ކަމަށެވެ. އަދި އެކަން ބޮޑުވެގެން ސްޓާފުން ފޮނުވައިގެން އެކަން ބެލިކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.

"ހަމަ އަޑުގަދަ ކުރާ ބަހައްޓައިގެން ގުރުއާން ކުލާހެއް ހިންގާ، ހުރިހާ ކުދިން ވަރަށް ހަރު އަޑުކޮށް ކިޔަވަމުންދޭ. އޭރު މުޅި ސްކޫލްތެރޭ ހުރީ އެ އަޑު. ދެން ޖެހިގެން ތިބި ކުލާހަކަށް ނުކިޔެވޭނެ، އަޅުގަނޑަށް ހަމަ ޔަގީން. އަޅުގަނޑަށް އެކަން ބޮޑުވެގެން މުވައްޒަފުން ފޮނުވައިގެން ބެލިން ކިހިނެއްތޯ ހަދަނީ،" އިބްރާ ވިދާޅުވި އެވެ.