10 Mar 2016, 16:06
ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ދައުވާ އުފުލައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒު މުހުސިންގެ މައްޗަށް ކުރާ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް އަމުރުކޮށްފައި ވަނީ މިއަދު އެ ކޯޓުގައި ބޭއްވި މުހުތާޒުގެ ޝަރީއަތުގެ އަޑުއެހުމުގައެވެ.
ބަންދާމެދު ގޮތެއް ނިންމުމުގެ ކުރިން މުހުތާޒު ވިދާޅުވީ އޭނާގެ ސިއްހީ ހާލަތު ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ވަނީ ކިޔައިދީފައި ކަމަށެވެ. އަދި އެކަމާ ގުޅިގެން އަމަލުކުރުމަށް ފުލުހުންނަށް ހައިކޯޓުގެ ގަޒިއްޔާގައި އަންގާފައިވާ ކަންތައްތަކަށް ފުލުހުން އަމަލުނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުހުތާޒު ވިދާޅުވީ ގުދުނުވުމަށާއި އަދި ބުރަކޮށް މަސައްކަތް ނުކުރުމަށް ޑޮކްޓަރު އޭނާ އަށް އަންގާފައިވާ ކަމަށެވެ. އަދި އެކަންކަމާ ގުޅޭގޮތުން ނާރުގެ ޑޮކްޓަރަކާއި އިތުރު ޑޮކްޓަރަކު ލިޔުމެއްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ޕީޖީ ކޯޓަށް ހާޒިރުކުރުން
ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ ބަހައްޓަން ކޯޓުން އަމުރުކުރުމަށް ސަރުކާރުން އޯޑަރުކޮށްފައިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތަށް ބަންދުގައި ބެހެއްޓިޔަސް ބަލިހާލަތުގެ މައްޗަށް ރިއާޔަތްކޮށްދިނުމަށް އެދޭ ކަމަށް ވެސް މުހުތާޒު ވިދާޅުވިއެވެ.
މުހުތާޒު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރީ ޕީޖީ އޮފީހުގެ އެދުމުގެ މަތިންނެވެ.
ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމީ މައްސަލައިގެ ބާވަތަށް ބެލުމަށްފަހު ކަމަށެވެ.
މުހުތާޒު ވިދާޅުވީ އޭނާ ބަންދުގައި ހުއްޓައި ބަލިހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެނަމަ ގާޒީއާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށެވެ.
ގާނޫނީ ވަކީލަކާ ނުލައި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް މުހުތާޒު މިއަދު ވިދާޅުވިއެވެ. ނަމަވެސް ޕީޖީ އޮފީހުގެ ވަކީލުން ވިދާޅުވީ ގާނޫނު އަސާސީން އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އެހެންކަމުން ގާޒީ ވަނީ އެ ދައުވާ އިއްވުމަށް ޕީޖީގެ ވަކީލުންނަށް އަންގާފައެވެ.
ކުރީގެ ޕީޖީ ކޯޓަށް ހާޒިރުކުރުން
ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މުހުތާޒު ލޯންޗެއްގައި އދ. މާމިގިއްޔަށްގޮސް އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން ގެންގުޅުނު ލެޕްޓޮޕް ނަގައި އޭގައި މާފުށީ ކޯޓު ޖަހާފައި އިން ޑޮކިއުމެންޓެއް ހުޅުވައި އެޑިޓްކޮށް ޕްރިންޓުކޮށް ފުލުހުންނަށް ދެއްކުމަށްޓަކައި މާލޭގެ ނީލޯފަރު މަގުގައި ހުރި ސައިކަލެއްގެ މަތީގައި އެ ކޯޓު އަމުރު ބާއްވާފައިވާ ކަމަށެވެ.