އަންހެނުންނަށް ކުރާ ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާތަކާ ދެކޮޅަށް "ވިސްނާލަމާ"ގެ ނަމުގައި އެމްޑީއޭގެ އަންހެނުންގެ ގޮފީގެ ރައީސާ ނަޒީރާ އާދަމް ލަވައެއް ނެރެފި އެވެ.

އަންހެނުންގެ ދުވަހާ ގުޅުވައިގެން ނަޒީރާ ނެރުނު ލަވަޔާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެ ލަވަޔަކީ ރާއްޖޭގައި ތިބި އަނިޔާ ލިބެމުންދާ އަންހެނުންނަށް ހިތްވަރުދީ، އަނިޔާ ލިބެމުންދާ މީހުން އެކަމާ ދެކޮޅަށް ތެދުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ނެރުނު ލަވައެއް ކަމަށެވެ.

ނަޒީރާ -- ސަން ފައިލް ފޮޓޯ

"އެމީހުންނަށް ލިބޭ އަނިޔާ ތަހައްމަލުކޮށް ފޮރުވައިގެން ނުތިބެ، އެކަމާ ދެކޮޅަށް ތެދުވުމަށް ހިތްވަރު ދިނުމުގެ ގޮތުން އުފެއްދި ލަވައެއް ލަވައަކީ،" އޭނާ ވިދާޅުވި އެވެ.

ހުސައިން އިނާޒްގެ ޅެމާއި އަމިއްލަ ރާގަކަށް އެ ލަވަ ކިޔައިދީފައި ވަނީ މަޝްހޫރު ތިން ލަވަކިޔުންތެރިން ކަމަށްވާ އިބްރާހިމް އަލީ (ކުޑައިއްބެ)، ރާފިޔަތު ރަމީޒާ، އަދި މަރިޔަމް އަޝްފާ އެވެ.

"ވިސްނާލަމާ" ލަވަ ކިޔާފައިވާ ރާފިޔަތު، ކުޑަ އިއްބެ އަދި އަޝްފާ

ކުޑައިއްބެގެ މިއުޒިކަށް ތައްޔާރު ކުރި ލަވައިގެ ވީޑިއޯގެ މަސައްކަތް ކޮށްދީފައި ވަނީ އެކްޝަނަލް މޫވީސްގެ އަހުމަދު ލަތީފެވެ.

"ލަވަ ލަވަޔަކަށް ހަދައިދިން މީހަކީ އަސްލު ލަތީ،" ނަޒީރާ ވިދާޅުވި އެވެ.

"ވިސްނާލަމާ" ގެ މަންޒަރެއް

ލަވައިގެ ތަރިންގެ ގޮތުގައި ފެނިގެން ދަނީ، ތަޖުރިބާކާރު ފިލްމީ ތަރިން ކަމުގައިވާ އާރިފާ އިބްރާހިމް އާ ޝަމީލްގެ އިތުރުން ދާއިރާގައި މީގެ ކުރިންވެސް މަސައްކަތްތަކެއް ކޮށްފައިވާ ޝަހޫ އަދި އޭނާގެ ފިރިމީހާ އެވެ.

އެ ލަވައިން ފެންނަނީ ފިރިމީހާ އާއި މައިދައިތަގެ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެނެކެވެ. އަދި މައިންބަފައިންގެ އިހުމާލުން ކުޑަކުއްޖަކަށް ލިބޭ އަނިޔާވެސް ދައްކުވައިދެ އެވެ.

"ވިސްނާލަމާ" ގެ މަންޒަރެއް

ލަވައިގައި ބުނަނީ އަންހެނުންނަށް ދުއްތުރާ ކުރުމުގެ ފުރުސަތު ނުދީ، އަންހެނުން ހިމާޔަތް ކުރުމަށެވެ.

ހަތާވީސްހާސް ރުފިޔާގެ ބަޖެޓަކުން އުފެއްދި އެ ލަވައަށް އާންމުންގެ ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަކަން ނަޒީރާ ފާހަގކުރެއްވި އެވެ. ނަޒީރާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އަންހެނުން ބާރުވެރި ކުރުވުމަށާއި މުޖުތަމައުގައި ހުންނަ މައްސަލަތަކާ މެދު ހޭލުންތެރި ކުރުވުގައި އޭނާގެ ހިދުމަތްތަކާ އުފެއްދުންތައް ފެންނާނެ ކަމަށެވެ.

"ވިސްނާލަމާ" ގެ މަންޒަރެއް

ނަޒީރާ އަކީ މިހާރު ވެސް އަންހެނުންގެ ތަރައްގީއާ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ އަންހެން ކަނބަލެކެވެ.