10 Mar 2016, 14:09
ސްރީލަންކާގެ ރިޔާސީ އިންތިހާބު ތެރޭގައި ކުރީގެ ރައީސް ރާޖަޕަކްސާގެ ކެމްޕެއިނަށް ޕޯސްޓަރުތަކެއް ޗާޕު ކުރުމަށް ސަރުކާރުގެ ޑިޕާޓްމަންޓަކުން 20 މިލިއަން ރުޕީސް ހަރަދު ކުރި މައްސަލާގައި ޖަލަށް ލާފައިވާ ކުރީގެ އެކޮނަމިކް ޑިވެލަޕްމަންޓް މިނިސްޓަރު ބައިސަލް ރާޖަޕަކްސާ އާއި "ދިވި ނެގުމާ" ޑިޕާޓްމަންޓްގެ ޑައިރެކްޓަރު ޖެނެރަލް ކިތިސިރި ރަނައުކާ ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
ލަންކާގެ ނޫސްތަކުން ބުނީ ބައިސަލް އާއި ރަނައުކާ މިއަދު ހައި ކޯޓުން ދޫކޮށްލީ ވަރަގަދަ ފިޔަވަޅުތަކެއް އެޅުމަށް ފަހު ކަމަށެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ދައުވާއަކީ ކުރީގެ ރިޔާސީ އިންތިހާބު ދުވަސް ވަރު، ރާޖަ ޕަކްސާގެ ފަސް މިލިއަން ޕޯސްޓަރު ޗާޕުކޮށް ބެހުމަށް އެ ޑިޕާޓްމަންޓް ބޭނުން ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެ ޑިޕާޓްމަންޓުން އެކަމަށް 20 މިލިއަން ލަންކާ ރުޕީސް (150،000 ޑޮލަރުވަރު) ބޭނުން ކުރި ކަމުގެ ތުހުމަތުގަ އެވެ.
އެ ދެ ބޭފުޅުން ދޫކޮށްލީ ކޮންމެ ބޭފުޅަކު ކަފާލާތުގެ ގޮތުގައި 2.5 މިލިއަން ލަންކާ ރުޕީސް ދައްކާ ގޮތަށް ޝަރުތުކޮށްފަ އެވެ. އަދި އެދެ ބޭފުޅުންނަށް ލަންކާ އިން ބޭރަށް ފުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެކަން ތަންފީޒު ކުރުމަށް ވަނީ ލަންކާގެ ސްޓޭޓް އިންޓަލިޖެންސު ޔުނިޓާއި ކަޓުނަޔަކާ އެއާޕޯޓާއި މަޓައްލާ އިންޓަނޭޝަނަލް އެއާޕޯޓަށް އަަންގައިފަ އެވެ. އަދި ކޯޓުން ބުނީ އެއްވެސް ހެއްކަކަށް ބިރު ދައްކައި ނުފޫޒު ފޯރުވުން ފަދަ ކަމެއްކޮށްފި ނަމަ އަލުން ހައްޔަރު ކުރުމަށް އަންގާނެ ކަމަށެވެ.