ސިޓީ ކައުންސިލްތަކާ ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ އަންހެނުންގެ ކޮމިޓީތަކުގެ ރައީސް އެ ރަށެއްގެ ރަށު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހަމަޖެހިގެންދާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް އިއްޔެ އިސްލާހު ހުށަހަޅުއްވާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގެ މަގުސަދަކީ ގައުމުގެ ސިޔާސީ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި އަންހެނުންގެ ދައުރު އިތުރަށް ހަރުދަނާ ކުރުމަށާއި އަންހެނުންގެ ކޮމިޓީތައް ބާރުވެރިކޮށް އެ ކޮމިޓީތަކުގެ ޒިންމާތައް އަދާކުރުމުގައި ގާނޫނީ ގޮތުން އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމެވެ.

އެގޮތުން ރަށު ކައުންސިލްތަކަށް މެމްބަރުން ހޮވުމަށް އިންތިހާބު އިއުލާން ކުރާއިރު ކައުންސިލްގައި އެއް ގޮނޑި އަންހެނުންގެ ކޮމިޓީ ތަކުގެ ރައީސުންނަށް "ރިޒާވް" ކުރުމަށް އެ އިސްލާހުގައި ވަނީ ހުށަހަޅާފަ އެވެ.

ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އަންހެނުންގެ ކޮމިޓީތަކަށް މެންބަރުން ހޮވާނީ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އަންހެނުންގެ މެދުގައި ވޯޓަކުން ކަމަށެވެ. ކައުންސިލް އިންތިހާބާއެކު ބާއްވާ އިންތިހާބުގެ ހުރިހާ ކަމެއް ބަލަހައްޓާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެ ބިލްގައިވާ ގޮތުން އަންހެނުންގެ ކޮމިޓީގެ ރައީސަކަށް ވާނީ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ނަގާ ވޯޓުގައި އެންމެ ގިނަ ވޯޓް ލިބޭ ފަރާތެވެ.

ރަށްވެހިކަމުގެ ހިދުމަތް ދިނުމުގައި ރަށު ކައުންސިލާ ސިޓީ ކައުންސިލުން އަންހެނުންގެ ކޮމިޓީގެ ހިޔާލާއި މަޝްވަރާ ހޯދަން ވާނެ ކަމަށް އިސްލާހުގައި ބުނެފައި ވާއިރު، ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމިޓީއެއް އޮންނަން ވާނެ ކަމަށާއި ކޮމިޓީ މަސައްކަތް ކުރާނެ ތަނަކާއި ބައްދަލުވުންތައް ބާއްވާނެ ތަނެއް ވެސް ކައުންސިލުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.