10 Mar 2016, 13:46
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް އަންނަ އަންގާރަ ދުވަހު ކުރުމަށް ހައިކޯޓުން ނިންމައިފިއެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ހެކިބަސްދީފައިވާތީ އެވެ. ނާޒިމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ނިންމާލާފައިވާކަން އިއުލާނު ކޮސްފައިވީ ނަމަވެސް މިއަދު އަޑުއެހުން ބޭއްވީ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ހެކިން ހާޒިރު ކުރުމަށް ފެންނާތީކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ނާޒިމްގެ އެޕާާޓްމެންޓަށް ވަތް ސްވޮޓް ޓީމުގެ ބޭފުޅުންގެ ތެރެއިން ހަ މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. އެ ހެކިންނަކީ ދަށު ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ނާޒިމްގެ ފަރާތުން ހުށަހެޅި ނަމަވެސް ހާޒިރުނުކުރާ ހެކިންނެވެ. ހަ ހެކިންގެ ހެކިބަސްވެސް ނަގާފައިވަނީ ސިއްރުންނެވެ.
ނާޒިމްގެ ފަރާތުން އެ ހެކިން ހުށަހަޅާފައިވަނީ އެމައްސަލާގައި ނާޒިމް ހުރީ ފްރޭމްކޮށްފައިކަން ސާބިތު ކުރުމަށް ކަމަށް ނާޒިމްގެ ވަކީލުން ވިދާޅުވި އެވެ. ހެކިބަސް ދެމުން ހެކިވެރިން ބުނެފައި ވަނީ ނާޒިމްގެ އެޕާޓްމެންޓަށް ވަނީ އެޕާޓްމެންޓްގެ ބޭރު ދޮރު ހަލާކުކޮށްލައިގެން ކަމަށާއި ނަމަވެސް ނާޒިމް ނިދާ ކޮޓަރީގެ ދޮރު ހަލާކުކޮށް ނުލާ ކަމަށެވެ. އަދި ކޮޓަރި ހުރީ ކުޑަކޮށް ހުޅުވާފައިކަމަށް ވުމުން އެތެރެއިން ދޮރުލައްޕަން އުޅުމުން ކުޑަކޮށް ދޮރު ހުޅުވާލީ ކަމަށް ބައެއް ހެކިވެރިން ބުންޏެވެ.
އޭގެތެރެއިން ބައެއް ހެކިވެރިން ހެކިބަސްދެމުން ބުނެފައިވަނީ ނާޒިމް ނިދާ ކޮޓަރީގެ ތެރެއަށް ސްވޮޓް ޓީމުގެ އެއްވެސް ބޭފުޅަކު ނުވަންނަ ކަމަށެވެ. ނަމަވެސް އޭގެތެރެއިން އަނެއްބައި ހެކިވެރިން ބުނީ ނާޒިމް ނިދާ ކޮޓަރީގެ ތެރެއަށް ތިނެއް ނުވަތަ ދެވަރަކަށް ފުލުހުން ވަތް ކަމަށާއި ނަމަވެސް ކޮޓަރީގެ އެހާ އެތެރެއަސް ނުވަނަންނަ ކަމަށެވެ. އަދި ވަނުމަށް ފަހު ނާޒިމްއާ އަންހެނުންގެ ވަށައިގެން ތިބެ އެމީހުން ގޮވައިގެން އެއް މިނެޓެއް ހާއިރު ތެރޭގައި ނިކުތް ކަމަށް ބައެއް ހެކިވެރިން ބުނެޏެވެ.
އޮޕަރޭޝަނަކަށް ތައްޔާރުވެގެން ހާޒިރުވުމަށް ސްވޮޓް ޓީމަށް އެންގިއިރު އެ އޮޕަރޭޝަނަކީ ނުރައްކާތެރި ހަތިޔާރާ ގުޅުންހުރި އޮޕަރޭޝަނެއްކަން އެންގި ކަމަށް ހެކިވެރިން ބުނެޏެވެ. އަދި އޭގެތެރެއިން އެއް ހެކިވެރިޔަކު ބުނީ ފަހަރުގައި އެ އޮޕަރޭޝަނުގައި ދާ ގެއަކީ ގޭންގެއްގެ ބައެއް ނުވަތަ ދީނީގޮތުން ހައްދު ފަހަނައަޅާފައިވާ ބައެއް ދިރިއުޅޭ ތަނަކަށްވެސް ވެދާނެ ކަމަށް އިސްވެރިން އަންގާފައިވާ ކަމަށެވެ.
ގ. އެނިފް އެޕާޓްމެންޓް 8 ބީ ( ނާޒިމްގެ އެޕާޓްމެންޓް) އަށް ދިޔައިރު ދަބަހެއް ގެންދިޔަ ކަމަށް ބައެއް ހެކިވެރިން ބުނެފައިވާއިރު އަނެއްބައި ހެކިވެރިން ބުނެފައިވަނީ އެއްވެސް ދަބަހެއް ގެންދިޔަކަން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް ނާޒިމް ނިދާ ކޮޓަރީގެ ތެރެއަށް ވަދެ ފިސްތޯލައެއް ނުވަތަ ހަތިޔާރާ ގުޅުން ހުރި އެއްވެސް އެއްޗެއް ނުބާއްވާ ކަމަށް ހެކިވެރިން ވަނީ ބުނެފަ އެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރު ވިދާޅުވެފައި ވަނީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުން މިމަހުގެ 15 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.