10 Mar 2016, 14:18
ނޭޕީޑޯ (މާޗް 10): މިޔަންމާގެ ރައީސަކު ހޮވުމަށް އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) އިން ހުށަހެޅި ދެ ނަމުގެ ތެރޭގައި ހިމެނެނީ އެޕާޓީގެ ލީޑަރު އަންގް ސަން ސޫޗީގެ ނަން ނުހިމެނެ އެވެ.
އެންއެލްޑީން ހުށަހެޅި ނަންތަކުގެ ތެރޭގައި ހިމެނެނީ، ސޫޗީގެ ޑްރައިވަރެއްގެ ގޮތުގައި ކުރީގައި މަސައްކަތް ކުރި، 69 އަހަރުގެ ޓިން ޔޯ އާއި މިޔަންމާގެ މައިނޯރިޓީ، ޗިން ދަރިކޮޅަށް ނިސްބަތްވާ ހެންރީ ވަން ތިއޯ އެވެ.
މިޔަންމާގެ ގާނޫނު އަސާސީގައިވާ ގޮތުން ގައުމުގެ އިސް ވެރިއަކަށް ހުންނަ ބޭފުޅެއްގެ ދަރިންނަކީ ބޭރު ގައުމަކަށް ނިސްބަތްވާ ބޭފުޅުން ކަމުގައި ވެގެން ނުވާނެ އެވެ. ސޫޗީގެ ދެ ދަރިންކަލުންނަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ދެބޭފުޅުން ކަމުން މިޔަންމާގެ ރައީސަކަށް ސޫޗީ ވުމަކީ އެގައުމުގެ ގާނޫނު އަސާސީގެ ދަށުން ނުކުރެވޭނެ ކަމެކެވެ. ނަމަވެސް، ސޫޗީ ވަނީ އޭނާ ވެރިކަން ކުރައްވާނީ ގައުމުގެ "ރައީސަށް ވުރެވެސް މަތިން" ކަމަށް ވިދާޅުވެފަ އެވެ.
ޓިން ޖޯއަކީ ސޫޗީއާ އެކު ތައުލީމު ހާސިލުކޮށްފައިވާ އިކޮނޮމިކްސް ގްރެޖުއެޓެކެވެ. އަދި އޭނާއަކީ ސޫޗީގެ ޗެރިޓީތައް ހިންގުމުގައި އެހީތެރިވެދޭ، ސޫޗީގެ އިތުބާރު ލިބިފައިވާ ފަރާތެކެވެ. އެހެން ކަމުން، ރައީސްކަމަށް ހޮވޭނެ ކަމަށް ބޮޑަށް ލަފާކުރެވެނީ ޓިން ޔޯ އެވެ.
މިޔަންމާގެ މަޖިލީހަށް ނަންތައް ހުށަހެޅުމަށް ފަހު އެންއެލްޑީން ނެރުނު ބަޔާނެއްގައި ސޫޗީ ވަނީ ޕާޓީގެ ނިންމުންތަކަށް ތާއީދު ކުރުމަށް ޕާޓީއަށް ތާއިދުކުރާ ފަރާތްތަކުގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
"އެންއެލްޑީއަށް ތާއިދު ކުރާ ފަރާތްތަކުން ބޭނުންވާ ކަންތައްތަކާއި އުއްމީދު ކުރާ ކަންތައް ފުރިހަމަ ކުރަން މިއީ ވަރަށް މުހިއްމު ފިޔަވަޅެއް،" ސޫޗީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. (ގާޑިއަން)