11 Mar 2016, 11:24
ކިޑުނީ ފެއިލް ވެފައިވާ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަދި ހިތާމަޔަކީ ވެސް މެޗުވާ ޑޯނާއެއް ނުލިބުމެވެ. ތެދެކެވެ. ކޮންމެ ކޮންމެ މީހެއްގެ ކިޑުނީއެއް ހަށިގަނޑުގެ ދިފާއީ ނިޒާމަކުން ބަލައެއް ނުގަންނާނެ އެވެ. ކިޑުނީ ޓްރާންސްޕާލާންޓު ހަދަން ބޭނުންވެ، ނަމަވެސް އެކަން ނުކުރެވި ތިބި މީހުންގެ ލިސްޓު ހާހުން ގުނާލެވޭ ސަބަބަކީ އެއީ އެވެ.
ނަމަވެސް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި، ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެކަމަށް ހައްލެއް ހޯދާފަ އެވެ. ކިޑުނީ ފެއިލްވެފައިވާ މީހުންގެ އުއްމީދުތަކަށް އާ ދިރުމެއް ގެނެސްދީފައެވެ.
ދަ ނިއު އިންގުލޭންޑު ޖާނަލް އޮފް މެޑިސިންގައި ދާދި ފަހުން ޝާއިއު ކުރި ދިރާސާއެއްގައި ބުނާ ގޮތުން، ކިޑުނީ ފެއިލްވެފައިވާ މީހަކަށް މެޗު ނުވާ ޑޯނާއެއްގެ ކިޑުނީވެސް ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް، އެކަމަށްޓަކައި "ޑީސެންސިޓައިޒޭޝަން" ޓްރީޓުމަންޓު ނަގަން ޖެހެއެވެ.
ޑޮކްޓަރުން ވަނީ، މީގެ އަށް ވަރަކަށް އަހަރު ކުރިން، "ޑީސެންސިޓައިޒޭޝަން" ޓްރީޓުމަންޓު ދިނުމަށްފަހު ބައެއް މީހުންގެ ކިޑުނީ ޓްރާންސްޕްލާންޓު ހަދާފަ އެވެ. އަދި މިހާތަނަށް އައި އިރު ވެސް އޭގެ ތެރެއިން ގިނަ މީހުން ދިރި ތިބި ކަމަށް ވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ޕެރެލްމަން ސުކޫލް އޮފް މެޑިސިންގެ ކިޑުނީ ސްޕެޝަލިސްޓު ޑރ. ޖެފެރީ ބާންސް ވިދާޅުވީ، "ޑީސެންސިޓައިޒޭޝަން" މެތަޑަކީ ވަރަށް ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ގާބިލުކަން ލިބިގެންވާ މެތަޑެއް ކަމަށެވެ.
ޑީސެންސިޓައިޒޭޝަން މެތަޑު ކުރިއަށްދާ ގޮތް:
ކިޑުނީ ޓްރާންސްޕްލާންޓޭޝަން ހެދުމުގެ ކުރިން، ބަލިމީހާގެ ލޭގައި ހުންނަ އެންޓި ބޮޑީޒް ފިލްޓާ ކުރެއެވެ. އެއަށްފަހު ބަލި މީހާގެ ހަށިގަނޑަށް އެހެނިހެން އެންޓިބޮޑީޒް އިންފިއުސް ކުރެއެވެ. އޭގެ ބޭނުމަކީ، ހަށިގަނޑުގެ ދިފާއީ ނިޒާމުން އޭގެ އަމިއްލަ އެންޓިބޮޑީޒް އުފައްދަން ދެން، ހަށިގަަނޑު ރައްކާތެރި ކުރުމެވެ.

މިހާތަނަށް ހޯދިފައި ނުވި ނަމަވެސް، ކޮންމެވެސް ސަބަބަކާ ހުރެ، ދިފާއީ ނިޒަމުން "އަލަށް" ޖެނެރޭޓު ކުރާ އެންޓިބޮޑީޒްތަކަކީ އަލަށް ޓްރާންސްޕްލާންޓު ކުރި ގުނަވަނަށް ހަމަލާ ދިނުމުގެ ފުރުސަތު ކުޑަ އެންޓި ބޮޑީޒް ތަކެއްކަމަށް ވެއެވެ.
ނަމަވެސް، އެ އެންޓިބޮޑީޒްތަކުގެ ސަބަބުން އަލަށް ޓްރާންސްޕަލާންޓު ހެދި ގުނަވަނަށް އެއްވެސް ގެއްލުމެއް ކުރިމަތި ވާނަމަ، އެ އެންޓި ބޮޑީޒްތައް ބޭހެއްގެ ބޭނުންކޮށް ހުއްޓުވަ އެވެ. އަދި އަލަށް ޓްރާންސްޕްލާންޓު ކުރި ގުނަވަނަށް ހަމަލާ ދޭނެ ކަމަށް ބެލެވޭ ހުރިހާ ވައިޓް ބްލަޑު ސެލްތައް ވެސް ހަލާކު ކުރެ އެވެ.
ޑީސެންސިޓައިޒޭޝަން މެތަޑުގެ އެހީގައި ކިޑުނީ ޓްރާންސްޕްލާންޓު ހެދޭއިރު، އެ މެތަޑުގެ އެހީގައި ފުއްޕާމޭ، އަދި ލިވާ ފަދަ ގުނަވަންތަކުގެ ޓްރާންސްޕްލާންޓު ހެދޭނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ޑީސެންސިޓައިޒޭޝަން އަކީ ކިތަންމެ އަގުބޮޑު ޓްރީޓުމެންޓަކަށް ވިޔަސް އެއީ، މުޅި އުމުރު ދުވަހު ޑައިލައިސިސް ހެދުމަށްވުރެ އަގު ހެޔޮ ޓްރީޓުމަންޓެއް ކަމަށް ކިޑުނީ ސްޕެޝަލިސްޓުން ބުނެއެވެ.
މައުލޫމާތު:ނިއުޔޯކު ޓައިމްސް